ޖޫން 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލުބުނާން އެއް ގުރޫޕަކަށް ގޮސްފިއެވެ. މި ގުރުޕުގައި ދެން ހިމެނެނީ ބޫޓާން އާއި ބަންގްލަދޭޝްއެވެ.

އިންޑިއާގެ ނިއުދިއްލީގައި ކުރިޔަށް ދިޔަ ގުރުއަތު ލުމުގައި މުބާރަތުގައި ވާދަކުރާ އައް ޓީމު ވަނީ ދެ ގުރޫޕަކަށް ބަހާލައިފައެވެ. ރާއްޖެ ގުރޫޕް ބީގައި ހިމެނޭއިރު، އިންޑިއާ އޮތީ ގުރޫޕް އޭގައެވެ. ދެން މި ގުރޫޕުގައި ހިމެނެނީ ކުވައިތު، ނެޕާލް އަދި ޕާކިސްތާނެވެ.

 

އިންޑިއާގެ ބެންގަލޫރުގައި އޮންނަ މި މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލުން ނިކުންނާނީ ކުވައިތު އާ ދެކޮޅަށެވެ. އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ޖޫން 22 ވަނަ ދުވަހުގެ ފުރަތަމަ މެޗުގައި ލެބަނާން ނިކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. އަދި ރާއްޖެއިން ނިކުންނާނީ ބޫޓާންއާއި ދެކޮޅަށެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފައިނަލްގައި އިންޑިއާ އަދި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

 

މިފަހަރުގެ މުބާރާތް ވެގެންދާނީ ތާރީހީ މުބާރާތަކަށެވެ. އެއީ މި މުބާރާތުގައި ސަރަހައްދުން ބޭރުގެ ދެ ޓީމަކުންވެސް ވާދަކުރާތީއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދެކުނު އޭޝިއާ ބޭރުން ކުވައިތާއި ލުބުނާން ވާދަކުރާ އިރު، ސަރަހައްދުން ވާދަކުރަނީ ރާއްޖެއާއި ނޭޕާލްގެ އިތުރުން ބަންގްލަދޭޝްއާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް އިންޑިއާ އަދި ޕާކިސްތާނާއި ބޫޓާނެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ބޭޢްވީ 2021 ވަނަ އަހަރު ރާއްޖޭގައެވެ. އެ މުބާރާތަށް ތައްޔާރުވާން ރާއްޖެއަށް މަދު ދުވަސްކޮޅެއް ލިބިފައިވީ ނަމަވެސް އިންތިޒާމުތައް ރަނގަޅެވެ. ރާއްޖޭގައި ބޭއްވި މުބާރާތުގައި ސަރަހައްދީ ގައުމުތަކުގެ ތެރެއިން ޕާކިސްތާނާއި ބޫޓާން ބައިވެރިވެފައެއް ނުވެއެވެ. އެ ފަހަރު ޕާކިސްތާން ބައިވެރިނުވީ ފީފާ ސަސްޕެންޝަނެއްގައި އޮތުމުންނެވެ. އަދި ބޫޓާން ބައިވެރިނުވީ ރަނގަޅަށް ތައްޔާރުވާން ވަގުތު ނުލިބުމުގެ ސަބަބުންނެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ ދެ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަކީ ރާއްޖެއާއި ލަންކާ ކޯ ހޯސްޓް ކުރި މުބާރާތެކެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެއިން އިންޑިއާ ބަލިކުރީ ލަންކާގައެވެ. 2018 ވަނަ އަހަރު ރާއްޖެއިން ދެވަނަ ފަހަރަށް ތަށި ނެގީ ބަންގްލަދޭޝްގައެވެ.

މިއީ ސާފް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތެވެ. މީގެ ކުރިން މި މުބާރާތް އިންޑިއާގައި ތިން ފަހަރު ބާއްވާފައިވެއެވެ. އެއީ 1999 ވަނަ އަހަރާއި 2011 ވަނަ އަހަރު އަދި 2015 ވަނަ އަހަރުއެވެ. އިންޑިއާގައި މުބާރާތް ބޭއްވި ހުރިހާ ފަހަރަކުވެސް ތަށި ނަގާފައި ވަނީ އެ ގައުމުންނެވެ. އަދި އެންމެފަހުން 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތުންވެސް އިންޑިއާ ތަށި ނަގާފައިވާ އިރު، މިފަހަރު މުބާރާތަށް ސަރަހައްދުން ބޭރުގެ ޓީމުތައް ގެނެސްފައިވަނީ ވާދަވެރިކުރުމުގެ ގޮތުންނެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗޯރޭ

    މިއީ އަނެއްކާވެސް ބޮނޑިބޯނެ ފަހަރުދޯ ލޮލް. މަގާތަށް ހަމައަންނަނީ ހަމަ ހިނި. ބުންވަރެއް ހުރި ފިޓުމީހަކު ނެތި ކަންމަތީ ކެފޭތަކުން ކޮފީއާއި ރެޑްބުލް ، ވޭޕް އަދި ސިނގިރޭޓުބޮއެގެން ، ފުޓްސެލްކުޅެ ޝީޝާބޮއެއް ޑިސިޕްލިންއެއް ނެތް ބަޔަކު ކިހިނެއް ފުޓުބޯޅަކުޅޭނީ؟؟؟