ކުނިވާޒާތުގެ ކުނި ކަނޑަށް އެޅި މައްސަލައިގައި ވ. އަލިމަތާ ރިސޯޓުން ދައްކަން ޖެހުނު ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ 45،000 ރުފިޔާއަށް ކުޑަކޮށްދީފިއެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓުން ކަނޑަށް ކުނި އެޅުމާ ގުޅިގެން އެ އެޖެންސީން އެ މައްސަލަ ބެލުމަށްފަހު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އެ ރިސޯޓް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އެ ރިސޯޓްގެ ފަރާތުން އިސްތިއުނާފު ކުރުމާ ގުޅިގެން، މައްސަލަ ބެލުމަށްފަހު އެންވަޔަރަމެންޓް މިނިސްޓްރީން އެ އެޖެންސީން ކަނޑައަޅާފައިވާ ޖޫރިމަނާ އިސްލާހް ކުރުމަށް އަންގާފައިވާ ކަމަށް އީޕީއޭން ބުނެފައި ވެއެވެ.

"ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓުން 2-3 މަސްދުވަހުގެ މުއްދަތަކަށް ގަވާއިދާ ހިލާފަށް ކަނޑަށް ކުނިއަޅާފައިވާކަން ކަށަވަރުވާނެފަދަ ލިޔެކިޔުމެއް ނެތް. އަދި މިއީ ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓުން ކުނި މެނޭޖްކުރުމާބެހޭ ގަވާއިދާ އާ ހިލާފުވެގެން ފިޔަވަޅު/ޖޫރިމަނާ ކަނޑައެޅޭ ފުރަތަމަ ފަހަރު." އީޕީއޭއިން ބުނެފައި ވެއެވެ.

ކުނިވާޒާތުގެ ކުނި ކަނޑަށް އެޅުމުން އަލިމަތާ ރިސޯޓް ތިން ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އެހެންކަމުން ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓުން ކަނޑަށް ކުނި އެޅުމާއި ގުޅިގެން ޖޫރިމަނާގެ އަދަދު ކަމަށްވާ 312,750.00 ރުފިޔާ އިސްލާހް ކުރެވިފައިވާކަމަށް އީޕީއޭއިން އިއުލާނުގައި ބުނެފައި ވެއެވެ.

އަލިމަތާއިން ކަނޑަށް ކުނި އެޅުމާއި ގުޅިގެން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގަވައިދުގެ ދަށުން ހަދާފައިވާ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު ގެ ޖަދުވަލު (ލ) ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދަކީ 45,000.00 ރުފިޔާކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.

އެ ޖޫރިމަނާ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މިހާރު ރިސޯޓުގައި އުފެދޭ ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލަޔަށް ނެތިފަނާވެދާ ކުންޏާމެދު ޢަމަލުކުރާ ގޮތަކީ ކޮބައިކަމާއެކު ކުނި މެނޭޖް ކުރުމުގެ ޕްލޭން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ހުށަހެޅުމަށް އެ ފަރާތަށް މި މަހުގެ 16 ވަނަ ދުވަހު އަންގާފައިވާ ކަމަށް ވެސް އީޕީއޭއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަމިއްޔާ

    މީލިއަނުން ފައިދާނަގާ ރިސޯޓު އޯނަރުންނަށް ލުއިދިނުމުގެ މަގުސަދުގަ.

  2. އާދަނާ

    އަލިމަތާއިން މިހާރުކުނިއެޅުން ކުޑަކުރީތޯ!؟؟ކާކަށް ކަޓެއްނަގައިގެންތޯކުޑަކުރީ؟؟؟ ރައްޔިތުންގެ ފައިސާއިން ވައްކަންކުރުމުގަ މުޅިސަރުކާރުވަނީ އަވިދިނެތިފަ، ސިޔާސީމީހު ޕްރެޖެކުޓްތަކުން ވައްކަންކުރުމުގަ، މިގައުމުގަ ދުވަސްދުއްވާލައިފިއޭ މިހާއިނުންތައް!

  3. ލާދީނީ

    ކުނި ނާޅާ ރިސޯޓެއް ބޯޓެއް އޮޑިއެއް މިގައުމުގަ ނެތް. ޖުރިމަނާކޮށްގެން އީޕީގެ ވެރިން ބޮޑުތަނުން ފައިދާ ނަގަނީ.