ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދަން ނިންމާފައިވާ 61 ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނުފަށާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީ އަށް އެ މައްސަލަ ހުށަހެޅުއްވީ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ.

ރިޔާޒް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް ފެށުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކި ފަހަރު މަތިން ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެއް ކަމަށެވެ. އަދި އިމްރާންގެ ޖަވާބުތައް ބަލައިގަންނަން ވަރަށް ދަތި ކަމަށެވެ.

"ހާެއްސަކޮށް މަޝްރޫއުގެ ކޮންޓްރެކްޓަރު، އިންޑިއާގެ 'އޭބީއެލް އިންްދިރާ ޕްރޮޖެކްޓްސް ޖޭވީ' އަށް ސަރުކާރުން %15 ފައިސާ ދައްކާފައިވާއިރު، އެ ފައިސާ ދެއްކިތާ އެތައް ދުވަހެއް ވީއިރުވެސް މަޝްރޫއުގެ މަސައްކަތް މިހާތަނަށް ވެސް ފެނިފައި ނުވަނީ އިންޑިއާ އެގްޒިމް ބޭންކުން މަޝްރޫއަށް ފައިސާ ހަމަނުޖެހޭތީ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައިވަނީ މި މަޝްރޫއުގެ ރޭވުންތެރިކަމާއި ސަރުކާރުން ފައިސާގެ ހަރަދުކޮށްފައިވާ ގޮތާމެދު ފާހަގަކުރެވޭ މައްސަލަތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއާއި މާލިއްޔަތަށް ހުށަހަޅަމެވެ." ރިޔާޒް ހުށަހެޅުއްވި މައްސަލައިގައި ވެއެެވެ.

އެހެންކަމުން އެ މައްސަލައިގައި ސަރުކާރު ޖަވާބުދާރީ ކުރުވައި، އެ މަޝްރޫއު ހިންގުމާމެދު އަދި މަޝްރޫއަށް ސަރުކާރުން ފައިސާ ހަރަދުކޮށްފައިވާ ގޮތް ބަލައި ފިޔަވަޅުތައް އެޅުމަށް ރިޔާޒް އެދިވަޑައިގެންފައި ވެއެވެ.