ގދ.ތިނަދޫގައި އޮތް ތެޔޮ ބޯޓަކުން ތެޔޮ ޓޭންކަށް އަޅަން ބޭނުން ކުރަމުންދިޔަ ހޮޅީގައި އަލިފާން ރޯވެ ހިނގި ހާދިސާގައި ފިހުނު މީހަކު ފަރުވާ ދޭން ފަށައިފިއެވެ.

ތިނަދޫ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގެ ޕަމްޕުގައި އަލިފާން ރޯވިއިރު، މިކަން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މިހާދިސާގައި ފިހިފައި ވަނީ ބޯޓުގައި މަސައްކަތްކުރި ބިދޭސީއެކެެވެ. އަނިޔާ ލިބުނު މީހާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެމީހާގެ ގައިގެ އެކި ތަންތަން ވަނީ ފިހިފައެވެ.

ތިނަދޫއިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އަލިފާން ރޯވީ ޓޭންކަށް ތެޔޮ އެޅުމަށް ބޭނުންކުރި ހޮޅީގައެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އަލިފާން ފެތުރެމުންގޮސް ތެޔޮ ބޯޓުގައިވެސް އަލިފާން ހިފުމުން އިތުރަށް އަލިފާން ފެތުރުނަ ނުދިނުމަށްޓަކައި ބޯޓުން ޕަމްޕު ވަކިކޮށް ބޯޓު ޖެޓީއާއި ދުރު ކުރިއެވެ.

އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ ރެސްކިޔު ޓީމުން ވަނީ ވަގުތުން ހަރަކާތްތެރިވެފައެވެ. އެވަގުތު އެ ސަރަހައްދުގައި ތިބި ގިނަ ބަޔަކު ވަނީ މިކަމުގައި އެމްއެންޑީއެފަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.