ދިވެހި ރާއްޖޭގެ ޒުވާނުންގެ ބޮޑު އާބާދީއަކަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އެބަ އޮތް ޑައިބިޓީސް ސޮސައިޓީ އާއި ހެލްތް މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ސްކްރީނިންގ ޕްރޮގްރާމުން ހާމަވެއްޖެ އެވެ.

އެ ސްކްރީނިންގ ތަފާސްހިސާބުތައް ޑައިބިޓީސް ސޮސައިޓީއިން ވަނީ ހާމަކޮށްފައެވެ.

މުޅި ރާއްޖޭގައި އެ ސްކްރީނިންގ ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ އަށެވެ. ސްކްރީނިންގ ކުރިއަށް ގެންގޮސްފައި ވަނީ ހަ އުމުރު ފުރާއަކަށް ބަހާލައިގެނެވެ. އެއީ 16 އާއި 25 އަހަރާއި ދެމެދު، 26 އަހަރާއި 35 އަހަރާއި ދެމެދު، 36 އަހާއި 45 އަހަރާއި ދެމެދު، 46 އަހަރާއި 55 އަހަރާއި ދެމެދު، 56 އަހަރާއި 65 އަހަރާއި ދެމެދު އަދި 66 އަހަރުން މަތީގެ މީހުނެވެ. އެ ސްކްރީންގގައި ޖުމްލަ 10،177 މީހުން ވަނީ ބައިވެރިވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ސްކްރީނިންގގައި ބައިވެރިވި މީހުންގެ ތެރެއިން 76.6 އިންސައްތަ މީހުނަށް ހަކުރު ބަލި ޖެހުނު ފުރުސަތު އެބަ އޮތެވެ. އޭގެ ތެރޭގައި ހިމެނެނީ 73.3 އިންސައްތަ ފިރިހެނުންނާއި 78.2 އިންސައްތަ އަންހެނުންނެވެ.

އެ ސްކްރީނިންގގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން 16 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން 13.6 އިންސައްތަ މީހުންނަށް ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި އުމުރުން 26 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން 59.8 އިންސައްތަ މީހުންނަށް ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ސްކްރީނިންގ ޕްރޮގްރާމުގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ 10 މީހަކުން ހަތަރު މީހެއްގެ އާއިލާގައި ހަކުރުބަލި ހުންނަ ކަމަށާއި ހަކުރު ބަލި ހުރި ކަން އެނގިހުރެ 15.1 އިންސައްތަ މީހުން ބޭސް ބޭނުން ނުކުރާ ކަމަށް ވެސް ފާހަގަވެފައިވެއެވެ.