ނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ، ފަރޓިލިޓީ ސެންޓަރު މިއަދު ހެނދުނު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ނައިބު ރައީސް ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވި ދަރިމައިވުމުގެ ފަރުވާއާ ބެހޭ ޚާއްޞަ ކްލިނިކް މިއީ ރާއްޖޭގައި މުޅިން އަލަށް ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި ފަރުވާއެއްކަމުގައެވެ. އަދި މި ޚިދުމަތް ފެށުމުން ޙާޞިލުވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި ޢާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުޞަތު ލިބުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ޚިދުމަތް ފުޅާކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގައެވެ.
ސަރުކާރުން ތަޢާރަފު ކުރައްވަން ތައްޔާރަވަމުން އަންނަ ނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމާއި ބެހޭގޮތުން ރައީސް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި ޢަމަލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ޤާއިމުކުރުމަކީ މުހިއްމު ކަމެއްކަމުގައެވެ.
އެގޮތުން މިފަަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި މިފަދަ ޚިދުމަތްތައް ދޭން ފެށުމުން، ރާއްޖޭން ބޭރުން މިފަދަ ފަރުވާތަކަށް ކުރާ އެތައް ޚަރަދެއް ވެސް ސަލާމަތް ކުރެވި އޭގެ ފައިދާ ރާއްޖޭގެ އިޤްތިޞާދަށް ވެސް ކުރާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުން ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލު މި ފަރޓިލިޓީ ސެންޓަރު ހުޅުވުމުގެ ބޭނުމަކީ ރާއްޖޭގައިތިބި ދަރިމައިނުވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާތައްލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމެވެ.
ކންޑަމް އެތެރެ ކުން ހުއްޓާލާ ...އޭރަށް އޯކޭވާނެ
އިތުރު ބޮޑު ދޮގެއް ދޯ
ޗޯރު ފާޓިލިޓީ
ޗޯރު އިބްރާހިމް ،ކޮތަޅު އިބްރާހީމަކަށް ދެނެއް ބިރެއް ނުދެއްކޭނެ. ބާކީ 4 މަސް. އިރާދަކުރެއްވިއްޔާ.