ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް ބުނެ، "ފޯޅަވަހި ކޯލިޝަނުން" ރޭ ކާނިވާގައި ބޭއްވި ޖަލްސާއަށް "އިންޑިއާ އައުޓް" ބެނާއާއެކު ބަޔަކަށް އެތަނަށް ފޮނުވީ ޖަލްސާގެ މިސްރާބު ބައްދަލުކޮށްލުމަށް ކަމަށާއި، މިކަމުގެ އަޑީގައި ތިބީ ސަރުކާރުގެ ވެރިން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުގެ ފަރާތުން ރޭ ބޭއްވި "ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު" ބިޔަ ބޮޑު ޖަލްސާއަށް އިންޑިއާ އައުޓް ޓީޝަޓް ލައިގެން ތިބި ބަޔަކު ވަނީ އިންޑިއާ އައުޓް ބެނަރ އެއް ދަމައިފައެވެ. ނަމަވެސް ފުލުހުން ވަނީ އެ ބެނަރ ނަގައިފައެވެ.

އެކަން ހަރުކަށި އިބާރާން ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ އެކަން ކޮށްފައިވަނީ ސަރުކާރުން ފަންޑްކޮށްގެން ފޮނުވި ބައެއް ކަމަށެވެ.

"ޖަލްސާގެ ކުރިން އެފަދަ ކަމެއް ސަރުކާރުގެ ފަރާތުން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ، އެފަދަ ކަމެއް ހިނގައިފިނަމަ، ސުލްޙަވެރިކަމާއެކު އެކަން ކުރާ ބަޔަކު ޖަލްސާއިން ނެރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ޖަލްސާ އިންތިޒާމުކުރި ފަރާތުން ތިބީ ތައްޔާރަށެވެ.". އެ ބަޔާނުގައި ވެއެވެ.

އަދި އިތުރު ހަމަނުޖެހުމަކަށް ފުރުސަތު ނުދީ އެބަޔަކު ޖަލްސާއިން ނެރެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ،

"މިފަދަ ފިނޑި ނާތަހުޒީބު ޢަމަލުތަކުގެ ސަބަބުން ކަނޑު ވިއްކާލުމާއި ދެކޮޅަށް އުފެދިފައިވާ އިއްތިހާދު ރޫޅާލެވޭނެ ކަމަށް ސަރުކާރުން ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމުގައި ދަންނަވަމެވެ.". އެ ބަޔާނުގައި ވެއެވެ.

އަދި މިއިއްތިހާދުން ފަށާފައިވާ މަސައްކަތް ކާމިޔާބުކޮށް ރާއްޖޭގެ ކަނޑުން ގެއްލިގެން ދިޔަ ބައި ހޯދުމުގައި ކުރާން ޖެހެނު ހުރިހާ މަސައްކަތްތެއް ކުރުމުގައި މިކޯލިޝަންގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ އިރުޝާދާއެކު ޕީޕީއެމް ޕީއެންސީ އޮންނާނެކަންވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 7 ފެބް

    އެތާ އަތްޖަހަންވެސް އެތިބީ ސަރުކާރުން ފޮނުވި މީހުންވެއްޖެއްޔާ، ސަރުކާރުދޯ އިދިކޮޅު ވެސް މިހިންގަނީ، އިބޫ ވަރެއްނެތް.

    6
    15
  2. ޝާނީ

    ފަނިވައްޓާ އިބުރޭމެން އަބަދުވެސް އުޅޭނީ އެފާޑައް. މި ވީހާތާންގަ ވެސް އުޅެފަހުރީ އެފާޑައް

  3. ނަމަސްތޭ

    ކަލޭމެންގެ ކަމެއް ނޫނިއްޔާ އެމީހުން އޮބިއަޅުވާފަ ބެލެިނަމަ ކޮންބައެއްތޯ . . ކަލޭމެންވެސް ހަމަ ފޯރިދީފަ އަތްޖަހަން ތިބީ . . . ހަމަ ޕީ ޕީ ގެ ކަމެއް

  4. އިބްރާހިމް

    އިދިކޮޅުން ދެމިޔަސް ސަރުކާރުން ދެމިޔަސް އަޅުގަނޑު ދަންނަވާނީ އިންޑިޔާގެ ނުފޫޒުން ދިވެހި ޤައުމު ސަލާމަތްކުރަން ޖެހިފައިވާކަމެވެ. ދިވެހި ވަންތަކަން މިހާރު މިއޮތީ ކިހައިވަރަކަށް ބާވައޭ ސަރުކާރުގެ ނިންމުންތަކުން ސުވާލުއުފެދޭތީ ދަންނަވާލީއެވެ.