އާންމުންގެ ޖަމިއްޔާ އިން ކުރިއަށް ގެންދާ އެންމެން އެކުގައި ކައިގެން ޕްރޮޖެޓުގެ ދަށުން ހިޔާ ސަރަހައްދުގައި ކާބޯތަކެތި ބެހުމުގެ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ އެސްޓީއޯގެ އެހީތެރިކަމާއެކު ގައެވެ. މި ހަރަކާތައް އެސްޓީއޯ އިން ވަނީ 45 ބަސްތާގެ ކާބޯތަކެތި ފޯރު ކޮށްދީފައެވެ. އެއީ ހަނޑޫ، ހަކުރު އަދި ފުށް، ކޮންމެ ބާވަތަކުން 15 ބަސްތާއެވެ.

އާންމުންގެ ޖަމިއްޔާއިން ބުނީ ހިޔާ ސަރަހައްދުގައި އުޅޭ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށް ދިނުމަކީ ފްލެޓު ތަކަށް މީހުން ބަދަލު ވީއްސުރެ އެޖަމިއްޔާ އިން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. ނަމަވެސް ފަހަކާއި ޖެހެންދެން އެމަސައްކަތް މާފުޅާކޮށް ކުރިއަކަށް ނުގެންދެވެއެވެ.

އަަންމުންގެ ޖަމިއްޔާއިން ބުނި ގޮތުގައި އިއްޔެގެ ހަރަކާތުގައި 833 ފަރާތަކަށް ކާބޯތަކެތި ފޯރުކޮށް ދެވުނެވެ. އެއީ 750 ކިލޯ ފުށާއި، 850 ކިލޯ ހަކުރާއި 900 ކިލޯ ހަނޑު ހިމެނޭހެން ޖުމްލަ 2500 ކިލޯ ނުވަތަ 2.5 ޓަނުގެ ތަކެއްޗެވެ.

އިއްޔެގެ ހަރަކާތާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އެޗް4 ގެ އެޑްމިން އަދި ހަރަކާތުގެ އިސްބޭފުޅެއް ކަމަށްވާ މައުމޫނު އަލީ (މާނު) ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކަށް، ކުޑަ ވަގުތުކޮޅެއްގައި، މައްސަލަ ތަކެއް ދިމާނުވެ އަމާންކޮށް ހަރަކާތް ކުރިއަށް ގެންދެވުނީ ހުރިހާ ޓަވަރުތަކުގެ އެޑްމިންސްގެ އެހީތެރިކަމާއި އެއްބާރު ލުމާއި އެކުގައެވެ.

މީގެ އިތުރުން ކާބޯތަކެތި ބަހަން ކޮތަޅު ފޯރު ކޮށްދިން ޑެލްކޯ މޯލްޑިވްސް ކޮމްޕެނީ އަދި އެއްޗެހި ކޮތަޅަށް އަޅާ ބަންދުކޮށް ބެހުމުގައި މަދަދުވެރިވި ވައިޓް ސްޓާރ ކުންފުނި އަދި ހުޅުމާލެ 3 އެސް ފިހާރަޔަށް ވަރަށް ބޮޑަށް ޝުކުރު ދަންނަަވާކަމަށް މާނު ވިދާޅުވިއެވެ.

އާންމުންގެ ޖަމްއިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި މިހަރަކާތަކީ ދެމެހެއްޓެނިވި ގޮތަކަށް ކޮންމެ މަހެއްގައިވެސް ކުރިއަށް ގެންދެވޭނެ ހަރަކާތަކަށް ހެދުމަށް އެ ޖަމްއިއްޔާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ހަރަކާތްތަކާއި އާންމުންގެ ޖަމިއްޔާގެ އެހެން ހަރަކާތްތަކުގެ މައުލޫމާތު ހިއްސާ ކުރަމުން ގެންދަނީ އެ ޖަމިއްޔާ ދަށުން ހިޔާ ފްލެޓުވެރިންނަށް ހާއްސަ ކޮށްގެން ހިންގާ ވައިބާ ކޮމިއުނިޓީގައެވެ.