ޔޫގެންޑާގެ ހުޅަނގުގެ އެމްޕޮންޑްވޭގެ ލުބިރިހާ ސެކަންޑަރީ ސްކޫލަކަށް އައިއެސް ޖަމާއަތާ ގުޅުން ހުރި ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 25 މީހުން މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހުކުރު ދުވަހު ދިން ހަމަލާއަކީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ހަރަކާތްތެރިވާ ޔުގެންޑާގެ ޖަމާއަތެއް ކަމަށްވާ އެލައިޑް ޑިމޮކްރެޓިކް ފޯސަސް (އޭޑީއެފް) އިން ދިން ހަމަލާއެއް ކަމަށެވެ. ފުލުހުން ބުނީ ޑީއާރުސީގެ ވިރުންގާ ނޭޝަނަލް ޕާކުގައި ސިފައިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާތަނަށް އެ ސްކޫލުން ފެނުނު 25 މީހެއްގެ ހަށިގަނޑު ބްވޭރާ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޕޮލިސްގެ ތަރުޖަމާނު ފްރެޑް އެނަންގާ ވިދާޅުވިއެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާ ދިން މީހުން ފިލައިގެން ގޮސްފައިވަނީ އެފްރިކާގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ނޭޝަނަލް ޕާކް ކަމަށްވާ ވިރުންގާ ނޭޝަނަލް ޕާކާއި ދިމާލަށެވެ.

ޔޫގެންޑާގެ ޑީއާރުސީއާ އޮންނަ ބޯޑަރާ ދެ ކިލޯމީޓަރު (1.25 މޭލު) ދުރުގައި އޮންނަ އެ ސްކޫލަށް ދިން ހަމަލާއަކީ އެތައް އަހަރެއް ވަންދެން ޔޫގެންޑާގެ ސްކޫލަކަށް ދިން މިފަދަ ފުރަތަމަ ހަމަލާއެވެ.

1998 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޑީއާރުސީގެ ބޯޑަރު ކައިރީގައި އޮންނަ ކިޗްވަމްބާ ޓެކްނިކަލް އިންސްޓިޓިއުޓަށް އޭޑީއެފްއިން ދިން ހަމަލާގައި 80 ދަރިވަރަކު އެކުދިންގެ ޑޯމިޓަރީތަކުގައި އަންދާލިއެވެ.

އޭޑީއެފް އަކީ 1990 ގެ އަހަރުތަކުގައި ޔޫގެންޑާގެ އިރުމަތީ ސަރަހައްދުގައި، މުސްލިމުންނަށް ސަރުކާރުން އަނިޔާކުރާ ކަމަށް ބުނެ ގިނަ ދުވަސްތަކެއް ވަންދެން ރައީސްކަން ކުރެއްވި ޔޯވެރީ މުސެވެނީއާ ދެކޮޅަށް ހަތިޔާރު އުފުލި ޖަމިއްޔާއެކެވެ.

ދެހާސް އެއް ވަނަ އަހަރު ޔޫގެންޑާގެ އަސްކަރިއްޔާ އަތުން ބަލިވުމާ އެކު، ޑީއާރުސީގެ ނޯތު ކިވޫ ޕްރޮވިންސަށް ބަދަލުވި އެވެ. އޭޑީއެފްގެ ހަނގުރާމަވެރިން ޑީއާރުސީގެ އެތެރޭން ހަރަކާތްތެރިވާތާ ދެ އަހަރު ވެއްޖެއެވެ.