ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ގްރޫޕަކުން ޔުގެންޑާގެ ސްކޫލަކަށް ދިން ހަމަލާގައި 39 ކުދިންނާއި އަދި އިތުރު ބަޔަކު މަރުވި ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިހަމަލާގައި މަރުވި މީހުންގެ ޖުމްލަ އަދަދު 41 އަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުގެންޑާގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި ހަމަލާ ދިނީ އައިއެސް އާއި ގުޅުން އޮންނަ ހަނގުރާމަވެރިންގެ ޖަމާއަތެއް ކަމަށްވާ އެލައިޑް ޑިމޮކްރަޓިކް ފޯސް (އޭޑީއެފް) އިންނެވެ. ހަނގުރާމަވެރިން ވަނީ ސްކޫލަށް ހަމަލާ ދިނުމަށްފަހު ހަ މީހަކު ރަހީނު ކޮށްގެން ވެސް ގެންގޮސްފައެވެ.

އޭޑީއެފްގެ 20 ވަރަކަށް ހަނގުރާމަވެރިން ސްކޫލަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަމަލާ އަމާޒުވި ސްކޫލަކީ ޔުގެންޑާ އާއި ކޮންގޯ ގުޅޭ ސަރަހައްދީ އިން ކައިރީގައި އޮންނަ ކެސެސް ނަމަކަށް ކިޔާ އަވަށުގައި ހުންނަ ސްކޫލެކެވެ. އެއީ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ.

ހަނގުރާމަވެރިން ބަޑިން ހަމަލާދީ ބައެއް ކުދިން މަރާލުމަށްފަހު ވަނީ ކުދިން ނިދުމަށް ދަނާލެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތެއްގައި އަލިފާން ރޯކޮށްލާފައެވެ. ބައެއް ކުދިން މަރުވީ އަލިފާން ރޯވި، އިމާރާތުގެ ތެރޭގައި ތާށިވެގެންނެވެ. އެއިމާރާތުގައި ރޯވި އަލިފާން ނިއްވާލުމަށްފަހު އިމާރާތުގެ ތެރެއިން އިތުރު ކުއްޖެއްގެ ހަށިގަނޑު ފެނޭތޯ ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޔުގެންޑާގެ އަސްކަރިއްޔާ އިން ބުނީ ހަމަލާ އަމާޒުވި ސަރަހައްދަށް އިތުރު ސިފައިން ފޮނުވައި، އެސަރަހައްދުގެ ސަލާމަތީ ކަންކަން މިހާރު ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އަދި މަރުވި ކުދިންގެ އާއިލާތަކާއި ސިފައިން މުއާމަލާތް ކުރަމުން ގެންދާ ކަމަށް ވެސް އަސްކަރިއްޔާ އިން ބުނެއެވެ.

ޔުގެންޑާ އާއި ކޮންގޯ ގުޅޭ ސަރަހައްދީ އިން ކައިރީ އޮންނަ އަވަށްތަކަށް އޭޑީއެފްގެ ހަނގުރާމަވެރިން އަންނަނީ 1990 ގެ އަހަރުތަކުން ފެށިގެން ދޭތެރެ ދޭތެރެއިން ހަމަލާތައް ދެމުންނެވެ. އައިއެސް ޖަމާއަތް އުފެދުނު ފަހުން އެޖަމާއަތާއި ގުޅުން ބަދަހިކޮށް އޭޑީއެފްގެ ހަނގުރާމަވެރިން ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.

ކޮންގޯ އާއި ޔުގެންޑާގެ ސިފައިން ދޭތެރެ ދޭތެރެއިން އޭޑީއެފް އާއި ދެކޮޅަށް ހަމަލާތައް ދިން ނަމަވެސް އެހަމަލާތަކުން އެޖަމާއަތް އެއްކޮށް ނައްތާލެވޭ ގޮތެއް ނުވެއެވެ.