މި އަހަރު ހައްޖުގެ އަޅުކަމަށް މައްކާއަށް ފުރި ގިނަ އަދަދެއްގެ ހައްޖާޖީންނަށް ބަހުގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ހައްޖުގެ އަޅުކަމަށް ރާއްޖެއިން ހައްޖާޖީން ފުރަން ފެށީ މި މަހުގެ 12 ގައެވެ.

މިފަހަރު ޙައްޖާޖީން ޖުމްލަ 6 ފްލައިޓެއްގައި ދަތުރު ކުރާނެއެވެ.

އެމްޓީސީސީން ބުނީ ހައްޖާޖީންނާއި އެމީހުންގެ އާއިލާގެ ފަރާތްތައް ހިމެނޭގޮތަށް 1211 މީހުނަށް ބަހުގެ ހިދުމަތް އެ ކުންފުނިން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ މާލެއިން ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރުމަށް އެ ކުންފުނީގެ 10 ބަހެއް ހާއްސަކޮށްފައިވާނެ ކަމަށެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވަހި ހިމެނޭހެން އެއާޕޯޓަށް ދަތުރުކުރުމަށް 9 ބަހެއް ހާއްސަކޮށްފައިވާނެ ކަމަށް ބުންޏެވެ.

އެންމެ ފަހު ހައްޖާޖީއިން ފުރަން ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގައެވެ.

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ސައޫދީ އަރަބިއްޔާ އިން ދިނީ 1،000 ކޯޓާ އެވެ. ކޯޓާ އިތުރު ކުރަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

މި އަހަރު ހައްޖަށް ދާ ހުރިހާ ދިވެހިން މިނާ އާއި އަރަފާތު ބިމުގައި ތިބޭނީ އެއް ސަރަހައްދެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.