އާންމު ރައްޔިތުން ގެ ހެދުމަށް ބޭނުންވާ ލޯނުގެ ގެރެންޓީ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ސަރުކާރުގައި ދޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާޒިމުގެވެރިކަމެއްގައި ލޯނު ނެގުމަށް ދައުލަތުން ގެރެންޓީ ދޭނީ މިލިއަނަރުން ބިލިއަނަރުންނަށް ހެދުމަކަށް ނޫން ކަމަށެވެ.

" 30 އިންސައްތަ އިކުއިޓީ ނެތިގެން އަމިއްލަގޯތި ނުހެދިގެންއުޅޭ އާއްމު ރައްޔިތުމީހާގެ ގެ ހެދުމަށް ބޭނުންވާ ލޯނުގެ ގެރެންޓީ ނާޒިމުގެ ސަރުކާރުންދޭނެ. ދިވެހިންނަކީ ފުދުންތެރި ބަޔަކަށްހަދާނެ." ރިޔާޒް ވިދާޅުވިއެވެ.

އެމްއެންޕީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނާޒިމަށް ވަނީ އަރުވައިފައެވެ. ނާޒިމަށް ރިޔާސީ ޓިކެޓް އެރުވީ ޒުވާނަކާއި، އިސްރައްވެސަކާއި، ހާއްސައެހީއަށް ބޭނުންވާ މީހަކާއި، އަންހެނަކާއި، ބެލެނިވެރިއެއްގެ އިތުރުން އާއްމު ފަރުދެއްގެ އިހްސާސްތައް ވެސް ގެނެސްދިނުމަށް ފަހުއެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ "އުޖާލާ ޒަމާން"މިއެވެ.

ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައެވެ.

އޭގެ ކުރިން ނާޒިމް ވަނީ ސިފައިންގެ ހިދުމަތުގައި 23 އަހަރު ގައުމަށް ހިދުމަތް ކުރައްވާފައެވެ. ނާޒިމް އަސްކަރީ ހިދުމަތުން ރިޓަޔާ ކުރެއްވީ 2011 ވަނަ އަހަރުގެ ޖަނަވަރީ 15 ގައެވެ.

އަސްކަރީ ސައިންސްގެ ދާއިރާގެ މާސްޓާސް ހާސިލް ކޮށްފައިވާ ނާޒިމް ވަނީ އަސްކަރީ ގިނަ ކޯސްތަކަކެއް ފުރިހަމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    ތިޔަ ގެރެންޓީމިހާރުވެސް ލިބޭ އެޗްޑީއެފްސީއިން.ކަލެއަށް ކުރެވެނީ ކޮން އާކަމެއް!

  2. މިނާ

    ފަޅި ޖާހިލުންގެ ބަޔަކު ޕާޓީ ހައިޖެކު ކޮށްގެން ޕާޓީގަ މިހާރު ތިބި މީހުންގެ ތެރޭން ކިރިޔާވެސް ކިޔަވަގެން ތިބި ބަޔަކު ތިބިއްޔާ ޕާޓީޔާ ދުރަށް ދާގޮތަށް އެމީހުންނަށް ޖެއްސުން ކުރާއިރުވެސް ނާޒިމަށް ނޭނގޭ. އޭނާ ބަލަނީ މޮޅު ވާހަކަ ދެއްކޭތޯ. އަދިވެސް ގިނަ ވައުދު ވެވޭތޯ

  3. މުއް ކުރު

    އެ ހުރިހާ ލޯނު ލިބޭނީ އަމިއްލަ ކުންފުއްޏަށް!

  4. އިބޫ ހޯލިސް

    ތިޔަ ގެރެންޓީ ދެވިދާނެ، ތިޔައީ ރަނގަޅުކަމެއް އަދި ކުރެވިދާނެ ކަމެއް
    ނަމަވެސް އުސޫލު އާއްމުވެގެން އަންނައިރު ޝަރުތަކީ
    1. ގްރޭޓަރ މާލޭގައި ހަދާ ގެއަކަށްވުން
    2. މުސާރަ 15 ހާހައްވުރެ މަތިވުން
    3. 5 އަހަރު ތެރޭގައި ލޯނު އަނބުރާ ދެއްކުން
    4. ޕާސަނަލް ގެރެންޓީދޭނެ އެހެން ފަރާތެއް ހުރުން

    މިހެން މިކަން އޮތްނަމަ ތިޔައިގެ ފައިދާ އަނެއްކާވެސް ކުރާނީ ހަމަ މިލިއަނަރުންނާއި ބިލިއަ ނަރުންނަށް

    މަސްވެރިންނާއި ދަނޑުވެރިންނަށް އަދި ދައްމުސާރަތައްލިބޭ ފަރާތްތަކައް ތީގެ އެއްވެސް ފައިދާއެއް ނުކުރާނެ