ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެ މައްސަލަ ބަލަމުންދާ ހައިކޯޓުގެ ފަނޑިޔާރަކު ޗުއްޓީ ނެގުމަށް މަޖުބޫރުކޮށްފި ކަމަށް ނައިފަރު ދާއިރަގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ މަޖިލިސް ތަޅުއަޅުވައިގެން ކުރާ ކަމަކީީ މިނިވަން މުއައްސަސާތަކަށް އަތް ބޭނުން ކަމަށެވެ. އަދި ޖޭއެސްސީ މެދުވެރިކޮށް ކޯޓުތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ.

އެގޮތުން މިހާރު ޖަލު ހުކުމެއް ފުރުއްވަމުން ގެންދަވާ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދަށު ކޯޓުގައި ފުލުފުލުގައި ރައީސް ޔާމީންގެ މައްސަލަަ ކުރިއަށްގެންދާ ކަމަށާއި އެހެން ނަމަވެސް އިސްކަންދޭން ޖެހޭ ރައީސް ޔާމީންގެ އިސްތިއުނާފްގެ ހައްގަށް އަރައިގަންނަމުންދާ ކަމަށެވެ.

"އެހެން ނަމަވެސް ދަށު ކޯޓަށް ވަކި މައްސަލައެއް ވައްދާފައި ހައިކޯޓުން އެމަނިކުފާނުގެ މައްޗަށް ހިންގާ ޝަރީއަތް ކުރިއަށް ދިޔަ ނުދޭން ކުރާ މަސައްކަތްތައް. ރައީސް ޔާމީންގެ މައްސަލަތައް ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުން ޗުއްޓީއަށް ދާން މަޖުބޫރު. އެތަނުގައި ހުންނަވާ ސަލީމް ކިޔާ ފަނޑިޔާރަކަށް މަޖުބޫރުވެގެން މިހާރު އުޅުއްވަނީ. ޖުލައި 16 ވަނަ ދުވަހު އެބަޖެހޭ ޗުއްޓީއަށް ވަޑައިގަންނަވަން. ރައީސް ޔާމިންގެ މައްސަލަ ނުނިންމަން އޮތީ އަނގާފައި. ކުޑަކަކޫ ޖައްސަން މަސައްކަތް ކުރައްވަނީ ޖޭއެސްސީން" ޝިޔާމް ވިދާޅުވި އެވެ.

އެހެންކަމުން ހައި ކޯޓުގައި ހިނގަމުންދާ ރައީސް ޔާމީންގެ ޝަރީއަތްތައް ލަސްނުކޮށް ކުރިއަށް ގެންދަން ޝިޔާމް ގޮވާލެއްވި އެވެ.

އަދި ރައީސް ޔާމިންއަށް ލިބިވަޑައިގަންނަވާ އެއްވެސް ހައްގެއް ނިގުޅައިގަންނަން މަސައްކަތް ކުރާނަމަ އެކަން މަޖިލީހުން ބަލަން ޝިޔާމް ގޮވާލެއްވި އެވެ.

ޝިޔާމް ތުހުމަތު ކުރެއްވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައިގެން ކޯޓުތަކަށް އަތް ބާނަމުން ދަނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ލައްވަ އެވެ.

ޔާމީންގެ މައްސަލަ ބައްލަވާ ބެންޗްގައި ހިމެނޭ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް ޗުއްޓީއަށް ދިއުމަށް މަޖުބޫރު ކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވި ނަމަވެސް އެކަން ކަށަވަރު ކޮށްދެއްވުމަށް އޭނާ އިތުރު ހެއްކެއް ނުދައްކަވައެވެ.

މައްސަލައެއް ބައްލަވާ ފަނޑިޔާރުންގެ ބެންޗެއްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެއްވެސް ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންފިނަމަ އެމައްސަލައެއްގެ ޝަރީއަތް ހުއްޓެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަޙުމަދު

    އައްޝައިޚް ޢަލީ ޒާހިރު ( އަލިޕީ) އަކީ ރައީސް އިބްރާހިމް ވަޒީފާ ދެއްވާފައިވާ ބޭފުޅެއް އެހެންކަމުން އެބޭފުޅާ ވަޒީފާ ގެ ހައިސިއްޔަތުން ކަމެއް ކުރައްވާނަމަ އެކުރައްވަނީ ރައީސް ވިދާޅުވެގެން ކަމަށް ބެލުމުގެ ފުރުޞަތު އޮންނާނެއެވެ. ޝައްކު އުފެދިދާނެ ކަންކަމުން ދުރުވެ ތިބުމުން ރަގަޅުނޫންތޯ؟ ބޮޑު ދިޔަވަރު އަންނަ ގޮތަށް ހިކި ދިޔަވަރު އަންނާނެ އަބަދު އެއް ދިޔަވަރެއް ނޯންނާނެއެވެ.

    • އިބްރާހީމް

      ޢެހެންނެއްނޫން. ރައީސް އަކަށް ވަާނުވާވެސް ނޭގޭނެ. އިމްރާނާއި އަލީޒާހިރަކީ މިފަސްގަޑުގައި ބައިތިއްބަންވެސް ހެޔޮވާވަރުގެ ބައެއްނޫން.

  2. ގެމަނަ

    އެއްގޮތެއް ނެތިއްޔާ އަނެއްގޮތެއްވެސް އޮތްތޯބަލާ ޖެއްސުންކުރެވޭތޯ ބެލުމަކީ ޗޯރުގެވައުދެއް އެވައުދުއެފުއްދަނީ ޗޯރުހިތުން ޗޯރަށް ޖަލުހުކުމެއްނާންނާނެ .

  3. ބަރޯ

    އަބަދުވެސް ހަދާގޮތެއްތީ، ރައީސް ޔާމީންގެ ފަރާތުން ރަނގަޅު އިސްތިއުނާފީ ނުގުތާތަކެއް ހުށަހެޅުމުން، ދައުލަތް އެކަމަށް ތައްޔާރުވާން ވަގުތު ދިނުމުގެ ގޮތުން، ސީދާ އެހެން ނުބުނެ، އެކަށީގެންވާ ވަގުތު ދައުލަތަށް ނަގައިދިނުމަށް ކުރާކަމެއްތީ ޝަރީއަތް ހުރިހާ މަރުހަލާއެއްވެސް ސަރުކާރުގެ ހީލަތްތެރި ނުފޫޒުން ދައުލަތް ޖަވާބުދާރީ ތައްޔާރުވާން ދޭ ވަގުތު އެއީ. ޢެހެންނާ ކޮންމެވެސް މައްސަލައެއްޖެހި އިތުރު ޝަރީއަތް އޮތުމުން، އެހެންޏާ ޗުއްޓީ ދީގެންވެސް ކުރާކަމަކީ އެއީ. މި މީހުންނަށް މި ހިޔަޅުވިސްނުން ދެއްވި ﷲ މާ ރޭވުންތެރިކަން ހަނދާންނެތިކޮއް ކޮންކާމިޔާބެއް ވާނީ.

  4. ނަންނު

    ތި ބުނާ މީހާ މުޅިރާއްޖޭގެ ރައްޔަތުންގެ ހައްގަށް އަރާ ވައްކަން، ރިޝްވަތު . މިހެންގޮސް ހުރިހާ ނުބައިކަންތައް ކޮށްފަ ޖަލު ހުކުން ކުރީމަ އަދިވެސް އޭނަގެ ހައްގު އެކަނިތަ އޮންނަންވީ...

    2
    12
  5. ސިމާ

    މިހާރު މީނާދޮގުހަދާހަދާ ތެދެއް ބުންޏަސް މީހަކު ގަބޫލެއް ނުކުރާނެ.

    3
    2
  6. ޢަލީ

    ފުލުފުލުގައި މައްސަލަ ބެލީމަވެސް ގޯސް... މައްސަލަ ލަސްވީމަވެސް ގޯސް. ހެޔޮ ނެތް އެއްގޮތް މި ބައިގަނޑަށް.

    1
    10