ރައްޔިތުންގެ މަޖިލީހުގެ ރަައީސް ކަމުން، ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާފައި ނަމަވެސް މަޖިލީސް ހިނގަން ޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ މަޖިިލީހުގެ ޖަލްސާއަށް ފަހު، ޖަލްސާއެއް ބޭއްވިފައެއް ނުވެއެވެ. އަދި ނަޝީދުވެސް ވަނީ ޖަލްސާއެއް ކުރިއަށް ނުދާނެ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައި ނޯޓިސް ދީފައި އޮތުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތެއް އީވާއަކަށް ނެތްއިރު، ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުވެރިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ދެކޮޅު ހަދަމުންނެވެ.

ނަޝީދު މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވުމަށްފަހު މަޖިލިސް ޖަލްސާގެ ރިޔާސަތު ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ބަލަހައްޓަވަމުން ގެންދަވަނީ މަޖިލިސް ގަވައިދުގެ ދަށުން ރިޔާސަތު ބެލެހެއްޓުން ނަޝީދު އޭނާ އާއި ހަވާލު ކޮށްފައި އޮތުމުންނެވެ. ނަމަވެސް ގަވައިދުގައި ބުނެފައިވާ ގޮތުގައި އެގޮތައް ރިޔާސަތާއި ހަވާލުވާ މެންބަރަކަށް ރިޔާސަތުގައި އިންނެވޭނީ ޖެހިޖެހިގެން ތިން ޖަލްސާ ގައެވެ. އަފީފް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާތާ ޖެހިޖެހިގެން ތިން ދުވަސް ވަނީ ވެފައެވެ.

އޭގެ ފަހުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ބޭފުޅަކު ނަޝީދު ކަނޑަައަޅުއްވާފައިނުވުމުން ދެ ދުވަހު މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ނަމަވެސް މިއަދު ޖަލްސާ ފަށާފައި ނަޝީދެވެ. މިއަދު އޮތީ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، މަޖިލީސް ހުއްޓިފައި އޮތީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން ކަމަށް ގަބޫލު ކުރައްވާނަމަ މަޖިލީހުގެ ރައީސް ކަމުން ނަޝިދު އިސްތިއުފާ ދެއްވަފައި ނަމަވެސް ގާނޫނު ހަދާ މަޖިލީސް ހިނގަން ޖެހޭނެ ކަމަށެވެ.

"އެކަން އެގޮތަށް ކުރިއަށް ގެންދެވޭނެ ކަން މިއަދު އަޅުގަނޑުމެންނަށް މި ފެނުނީ".

މިއުވާން ވިދާޅުވީ، މިއަދުވެސް މަޖިލީސްގެ ޖަލްސާ ބޭއްވުނީ ކަމަށާއި، އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ކޮށްފައިވެސް ނުވާ ކަމަށެވެ.

"ރައީސް ނަޝީދު ބޭނުންފުޅުވީމަ އެ އޮތީ ބޭއްވިފަ، މީގެ ކުރީގެ ދެ ޖަލްސާވެސް އެމަނިކުފާނު ބޭނުންފުޅުވާނަމަ އޮންނާނެކަން ނޫންތޯ އެއިންވެސް އެެނގިގެން ދިޔައީ،".