ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ވަކި ކުރަން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސްގެ މުއްދަތު ޖޫން 26 އަށް ހަމަވާއިރު، އެ ދުވަހު އެމަނިކުފާނަށް ދައުލަތުން ހާއްސަ ކުރެއްވި "މުރައިދޫ" ގެއިން ނުކުންނަވާނެ ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގަވައިފިއެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ޖޫން ހަ ވަނަ ދުވަހު ވަނީ ރައީސް ނަޝީދު މަގާމުން ދުރުކުރަން ފާސްކޮށްފައެވެ. މަޖިލިހުގެ 54 މެމްބަރުންގެ ސޮޔާ އެކު، އެމްޑީޕީން އެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ޖޫން އަށް ވަނަ ދުވަހު ވަނީ ހުށަހަޅައިފައެވެ.

އަދި އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުއްވާފައި ވަނީ ޖޫން 12 ވަނަ ދުވަހުއެވެ.

ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން 14 ދުވަސް ހަމަވުމުން، ވިދިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހަކަށް އެ މައްސަލަ އެޖެންޑާ ކުރަން މަޖިލީހުގެ ގަވާއިދުން ލާޒިމުކުރެއެވެ.

ނަޝީދުގެ އޮފީހުން މިއަދު މަޖިލީސްގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، މަޖިލީސް ރައީސް ހުންނަވާ ރަސްމީގެ، މުރައިދޫ އިން ގ. ބޭރުވެލި އަށް ޖޫން 26 ގައި ބަދަލުވެޑައިގަންނަވާނެ ކަމަށް ދަންނަވަން ނަޝިދު ވިދާޅުވި ކަމަށެވެ.

ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް އެމަނިކުފާނު ވަނީ ނޯޓިސް ހަމަވާ ދުވަހު މުރައިދޫ ގެއިން ނުކުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސް ހަމަވާ ދުވަހު، މުރައިދޫ ގެއިން ނުކުންނާނަން، އަޅުގަނޑު މުރައިދޫ ގޭގައި ހުރުން އެއީ އެއްގޮތަކަށްވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން. ހަމަ ކުޑަކޮށްވެސް އަޅުގަނޑު ކުރާޙިތްވާ ކަމެއް ނޫން. ތިބޭފުޅުންނަށް އެގެ ފެނިވަޑައިގެންފައި ނެތުނީމަ އެގެ ހުންނަ ގޮތާއި އަނދިރިކަމާއި، ހުރިހާ ދިމާލަކުން ލައްޕާފައި ހުރި މިންވަރާއި، އަޅުގަނޑުވެސް ވަރަށް ބޮޑަށް އެދެން ކެނެރީގެއަށް އަޅުގަނޑު ބަދަލު ވެވޭނެ ގޮތެއް ހޯދަން".

މުރައިދޫގެ އަކީ މަޖިލީހުގެ ރައީސަށް ހާއްސަކުރާ ވަގުތީ ގެކޮޅު ކަމަށް ވަނީ ހަމަޖައްސާފައެވެ.

މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ގެކޮޅު ހަމަޖައްސަން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހު ދިން ނިރުބަވެރި ހަމަލާއަށް ފަހުއެވެ. އެ ހަމަލާގެ ކުރިން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ، އަމިއްލަ ގެކޮޅު ކަމަށްވާ ގ. ކެނެރީގޭގައެވެ.