ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް އިއުލާންކޮށްފިއެވެ. މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އޮފިޝަލުން ހޯދަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އަދިވެސް ބޭނުންވާ އަދަދަށް އޮފިޝަލުން ނުލިބެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިޚާބަށް 5597 އޮފިޝަލުން ބޭނުންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން އޮންލައިންކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އިތުރުން ކޮމިޝަނަށް ހާޟިރުވެގެން އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ބަލައިގަނެވޭނެކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށްވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލު ([email protected]) މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އޮފިޝަލުންނަށް ވެވޭނީ ސިޔާސީ ޕާޓީތަކުގައި އިސް މަގާމެއް އަދާ ނުކުރާ 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. އަދި މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭނުގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ. މީގެއިތުރުން އޮފިޝަލެއްގެ މަސައްކަތްކުރެވޭނެ ތައުލީމާއި ތަޖުރިބާ ލިބިފައިވުމާއި ސިއްހީގޮތުން ގާބިލު މީހަކު ކަމުގައިވާންޖެހެއެވެ. އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެކަމަށް ޝަރުތުތަކުގައި ތެރޭގައި ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އޮފިޝަލުންގެ ގޮތުގައި ހޮވޭ މީހުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިންގެ ގޮތުގައި ހަމަޖައްސާ މީހުންނަށް ވޯޓުލާ ދުވަހު 1500 ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200 ރުފިޔާ ލިބޭއިރު އޮފިޝަލުންނަށް 1000 ރުފިޔާ އަދި ރިޒާވް އޮފިޝަލުންނަށް 500 ރުފިޔާ ލިބޭނެއެވެ. ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ ފަރާތްތަަކަށް ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެއެވެ.

އުޖޫރައިގެ އިތުރުން ވޯޓުލާ ދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މި މަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ.

ރިޔާސީ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން އޮގަސްޓް 15 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ.

އިންތިހާބު އޮންނަ ދުވަހު ބޮޑު އެލަވަންސެއް ލިބޭ ގޮތައް އޮފިޝަލުން ނަގަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނައިރު އިންތިހާބު ނިމޭތާ އެތައް ދުވަހެއް ވެގެން ދާއިރު ވެސް އޮފިޝަލުންނަށް އެލަވަންސް ނުލިބުމުގެ ޝަކުވާތައް މީގެ ކުރިން ފެންމަތިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަރްބީ

    ސިފައިން ތިބޭނެ އެމީހުން ލާބަލަ

    5
    0