ހައްޖުގެ އަޅުކަމަށް ސައުދި އަރަބިއްޔާގެ މައްކާއަށް ދިޔަ ދިވެހި ދެ ހައްޖުވެރިއަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެެވެ.

މިފަހަރު 2.5 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަށް ދިޔައެވެ. އޭގެ ތެރޭގައި ދިވެހި ހައްޖާޖީންގެ 1،000 މީހުން ހިމެނެއެވެ.

ސައުދީގައި ހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަނިލް ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ވިދާޅުވީ، ހައްޖަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ދެ ދިވެއްސެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، އައިސީޔޫގައި ތިބި ދެ މީހުން، އަރަފާތު ބިމަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވިގޮތުގައި އޮކްސިޖަން ގުޅައިގެން އެންބިޔުލާންސްގައި، ސައުދީ ސަރުކާރުން ހައްޖުވެރިން އަރަފާތު ބިމަށް ގެނެސްދެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އާންމުކޮށް ހުރިހާ ދިވެހީންގެވެސް ހާލު ރަނގަޅު ކަމަށެވެ.