މިއަހަރުގެ އަޟްހާ އީދުގައި ހދ. ކުޅުދުއްފުށީގައި ހަވާ އަރުވާނެ ކަމަށް ބުނެ އޮޅުވާލުމުން އާންމުންގެ ފާޑު ކިޔުންތައް ކުޅުދުއްފުށި ކައުންސިލަށް އަމާޒުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ބާއްވާ އީދު ކުޅިވަރުތަކުގެ ޝެޑިއުލް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖްގައިވެސް އާންމުކޮށްފައިވާ އިރު، ޝެޑިއުލްގައި އޮތީ ރޭ 20:30 ގައި ބަނޑާރަ މައިދާނުގައި "ހަ ވާ އެރުވުން" އޮންނާނެކަމަށެވެ.

ނަމަވެސް ކުޅުދުއްފުށިން ހަވާ އެރުވީ މުޅިން ތަފާތު ގޮތަކަށެވެ. އެގޮތުން ރޭ ބޭއްވި އީދު ޝޯގެ ތެރެއިން ފެނުނީ ހަ ވާގަނޑު އެރުވި މަންޒަރެވެ. އެ ހަ ވަލުގައި ހުރީ ނަމްބަރުތައް ޖަހާފައި ފޮށިގަނޑުތަކެއް އައްސައިފައެވެ.

މިކަމާއި ގުޅިގެން ކައުންސިލަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ގިނަ ފަރާތްތަކުން ބުނަމުންދަނީ މިއީ ރައްޔިތުންނަށް ކައުންސިލުން ދިން ދޯކާއެއް ކަމަށެވެ. ކައުންސިލުން ބުނީ އީދަށް ކުޅިވަރު އިންތިޒާމްކުރާ ފަރާތްތަކުން "ހަވާ އެރުވުން" ކިޔާ ކުޅިވަރެއް ޝެޑިއުލަކުރަން އެދުމުން އެކަން ކައުންސިލުން ކޮށްދިން ކަމަށެވެ.

ކައުންސިލުން އީދު ކުޅިވަރު ތާވަލު ހަދަން ފެށީ މީގެކުރިން ކުޅިވަރުތައް ކުޅޭ ތަންތަނާއި ވަގުތު ރައްޔިތުންނަށް އެންގުމުގައި ދަތިތަކެއް ކުުރިމަތިވާތީ އެކަމުގެ ހައްލެއްގެ ގޮތުގައެވެ. އަދި މިކަން ތަކުރާރުވިޔަ ނުދިނުމަށް ގިނަ ކަންތައްތަކެއް ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝެހޭ

    ސަޅި ކަމެއް.
    ކޮން ބޭކާރު ޚަރަދެއް ކުރާކަށް. ބޭކާރު ޚަރަދެއް ކޮށް ހަވާ އެރުވުމަށް ވުރެ މި ގޮތް މާ ސަޕްރައިޒް.
    ހަވާ އަރުވަން ބޭނުންވާ ލާރި ފައިދާ ހުރި ކަމަކަށް ޚަރަދު ކުރުން މާ ބުއްދިވެރި.

    2
    1
    • ޒައިދު

      މަޖާކަމެއް، އެކަމަކު އެންމެނަކަށް ނޫން. ގައިމުވެސް އެންމެނަށް އޮޅުވާލުމެއް. ކައުންސިލަކަށް އެނގިގެން ބަލަންޖެހޭނީ އެންމެންގެ މަސްލަހަތަށް. އެހެންވީމާ މީ ރަނގަޅަށް ކޮށްފަ އޮތްކަމެއް ނޫން.