ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި ބޭފުޅުންތަކެއް އިސްކޮށް ތިއްބަވާ އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ އަމިއްލަ ރިޔާސީ މެނިފެސްޓޯއެއް އެކުލަވާލަން ފަށަން ނިންމައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ނިންމައި އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އެގޮތުން މިފަހަރު އެ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައި ވަނީ ފުވައްމުލައް ސިޓީގައެވެ. ދަ ޑިމޮކްރެޓްސް ބުނި ގޮތުގައި އެ ޕާޓީގެ މުއައްސިސު އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިސްކޮށް ހުންނަވައިގެން ބާއްވަވާ ބައްދަލުވުން އޮންނާނީ މިރޭއެވެ.

ޑިމޮކްރެޓްސް އިން ބުނާ ގޮތުގައި މި ބައްދަލުވުން އޮންނާނީ ވޯކްޝޮޕެއްގެ ގޮތުގައެވެ.

ދަ ޑިމޮކްރެޓްސްގެ ބައެއް ބޭފުޅުން ވަނީ މީގެކުރިން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެކުގައި ވެސް ސިޔާސީ މަޝްވަރާތަކާއި ރިޔާސީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްކޮށްފައެވެ. އެކަމަކު، ވަކި ހިސާބަކުން އެ މަޝްވަރާތައް ހުއްޓިފައިވާ އިރު، އެ މަޝްވަރާތައް ކުރިއަށްދާ ތަނެއް ނުފެނެއެވެ.

އެ މަޝްވަރާތައް މ. ކުނޫޒާއި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ސަން އައިލެންޑް ރިސޯޓުގައި ވެސް ކުރިއަށް ދިޔައެވެ. ސަން އައިލެންޑްގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި ގާސިމާއި ނަޝީދު ވެސް އެކުގައި ފެނިފައިވެއެވެ. އޭރު އަޑު ފެތުރިފައި އޮތް ގޮތުން މަޝްވަރާތައް ހުއްޓުނީ ބަރުލަމާނީ ނިޒާމާ ގުޅޭ ކަރުދާހެއް ނަޝީދު ހުށަހެޅުއްވުމުންނެވެ. އަދި އެކަމަށް ގާސިމް އެއްބަސްވެވަޑައިނުގަންނަވާ ކަން ވެސް އެނގިފައިވެއެވެ.

ވީޓީވީ އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ނަޝީދު ވަރަށް ފުރިހަމަ އަށް އެނގިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނު ނޫން ބޭފުޅަކު ވެރިކަމުގައި ހުންނަވަން ނަޝީދަށް ކަމަކު ނުދާނެ ކަމަށެވެ. އަދި އެހެން ބޭފުޅަކަށް ވެރިކަން ދޭން ނަޝީދަށް ކެތެއް ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް ދެ ފަހަރެއްގެ މަތިން ނަޝީދު ސަން އައިލެންޑަށް ވަޑައިގަތެވެ. ނަޝީދު ހުށަހެޅުއްވި ކަރުދާހުން އެނގިވަޑައިގަތީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވާނެ މަގު ކޮށައިދޭ މީހަކަށް ގާސިމް ވެވަޑައިގަތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ނަޝީދު ވެރިކަމަށް ގެންނަން ހުރިހާ މަގެއް ކޮށައިދީ އެކަން ކުރަން ހުރި މީހަކަށް އަޅުގަނޑު ވަނީ. އަޅުގަނޑު ކޯލިޝަން ހަދައިގެން ދިޔައީމަ މިވާ ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ ދެމެދު އޮތް ކްލޭޝް، ނޫނީ ހަމަނުޖެހުން އިތުރަށް ބޮޑުވެގެން ގޮސް އެމްޑީޕީ ހަލާކުކޮށްލި މީހާގެ ލަގަބު އަޅުގަނޑަށް މި ލިބެނީ،" ވިލާ ގްރޫޕްގެ ޗެއާމަން ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ

    ކިތަންމެ ގިނަ ދުވަހަކު މާލޭގައި ދިރިއުޅެފައި ވީނަމަވެސް މާލެ ނޫން ރަށެއްގައި ރަޖިސްޓްރީ ވެފައި އޮތްނަމަ ގޯއްޗަށް ކުރިމަތިނުލެވޭ ގޮތައް އޮތުމުން. މިފަހަރު ވޯޓުން އެކަން ދައްކާލާނަން.

  2. ދެޔޯގާ

    ލާދީނީ ނަގާބިލު ބައެއް. ބޮއިކޮޓް ދަ ޑިމޮކްރެޓްސް

  3. ސޮހޮލު..

    މީކީ ކަމުދާ ގޮލައެއްނޫން.. އެހެން މީހަކު ބުނާހާ ގޮތަކަށް އެނބުރޭ ކުނަމެއްސެއްމީ..

  4. އިބޫ ހޯލިސް

    ސިޔާސަތުތަކެއްގެ މައްޗަށް ބިނާކުރެވިގެންނުވާ، ވައުދުގެ ލިސްޓަކީ އަޅުގަނޑު ބަލައިގަންނަ އެއްޗެއްނޫން
    އެކަހަލަ ވައުދުގެ ލިސްޓަކައްބަލާ ވޯޓުދެވެން ނެތްކަމުގައި އުފަލާއިއެކު ދަންނަވަން

  5. ގިނި

    ދީނާ ދުނިޔެއަ އާޚިރަތުވެސް ބަރުބާދުވެ ގެއްލި ދަނީ ލާދީނީ މި ބައިގަނޑާ ހުރެ

  6. ޢުނގޫފާރޭ

    ކަލޯ ތިޔަ ތަންފީޒު ކުރެވޭނީ ތިޔަބައިގަނޑުގެ ކެންޑިޑޭޓަކު ވެރިކަމަށް އައިސްގެން އެއީ ކާކުތަ . ޗުކީ އެހެންމީހަކަށް ނުލެވޭނެ ދޯ އޮންލީ ނަސީދު ހަހަހަހހ