ވ.އާރަށުގެ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ އަޑުއެހުމެއް ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށު މައްސަލައިގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމް އިސްތިއުނާފް ކުރުމަށް ޔާމީން އާއި ދެން މިމައްސަލައިގައި ޖަލު ހުކުމެއް އައިސްފައިވާ ޔޫސުފް ނައީމް ވަނީ ހުށަހަޅާފައެވެ. މިހާތަނަށް ހައިކޯޓުން ވަނީ މިމައްސަލައިގެ ތިން އަޑުއެހުމެއް ނާއްވާފައެވެ.

ހައިކޯޓުގައި ކުރިޔަށްގެންދާ އިސްތިއުނާފީ މައްސަލަ އަވަސްކޮށްދިނުމަށް އިދިކޮޅުން އެދިފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ އެ ހުކުމުން ސަލާމަތްވެގެން ކަމަށް ވާތީއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ތިން ވަނަ ދުވަހަށް ބަންދުވާނެއެވެ.

ޔާމިންގެ ވަކީލުންގެ ޓީމުން ތުހުމަތުކުރާ ގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފައެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި، ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅަކު ނަންގަވާފައިވަނީ މިދިޔަ އަހަރު ޝެޑިއުލްކޮށް ހަމަޖައްސާފައި އޮތް ޗުއްޓީއެކެވެ.

މި މައްސަލައިގައި ދައުލަތުން ޔާމިންގެ މައްޗަށް ކުރި ދެ ދައުވާވެސް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 25 ޑިސެމްބަރ 2022 ގައެވެ.

މިދިޔަ ފެބްރުއަރީ 21 ވަނަ ދުވަހު ޔާމީންގެ ފަރާތްޕުޅުން މިމައްސަލަ އިސްތިއުނާފްކުރުމަށް ހައިކޯޓަށް ހުށަހެޅިއެވެ.

ޔާމިންގެ އިސްތިއުނާފީ އަޑުއެހުމެއް ބުދަ ދުވަހަށް ތާވަލުކޮށްފައިވާއިރު ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ވަރަށް ދިގުކޮށް ކުރިއަށްގެންދާތީ ޔާމީންގެ ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު