12 ކުދިންނާއި ހަތް އަންހެނުން ހިމެނޭހެން 32 މީހުން ތިބި ދޯންޏެއް ކަނޑުމައްޗަށް ހުއްޓުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ނ.އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ތެޔޮ ހުސްވެ، އިންޖީނު ހުއްޓުނު ދޯންޏެއްގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ހުޅުމާލެ ގެނެސްދީފައިވާ ކަމަށެވެ.

"ފަހި ރޯދި" ނަމަކަށް ކިޔާ މި ދޯނި، މާލެ އަތޮޅު މަކުނުދޫ ރިސޯޓު ކައިރިން ތެޔޮ ހުސްވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ ރޭ 21:00 ހާއިރެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން އެ ސަރަހައްދަށް ދިޔައެވެ.

ޖުމްލަ 32 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެ ދޯނި އޮތް ސަރަހައްދަށް، ކޯސްޓްގާޑް ނޫރައްދީން ދެވުމުން، އެ ދޯނީގައި ތިބި 12 ކުޑަކުދިންނާއި، ހަތް އަންހެނުންނާއި، ތިން ފިރިހެނުން ކޯސްޓްގާޑް ނޫރައްދީންއަށް ނަގައި، މިރޭ 10:45 ހާއިރު އެމީހުން ވަނީ ހުޅުމާލެއަށް ގެނެސްދީފައެވެ. ބާކީ 10 މީހުން ވަނީ ދޯނީގައި މަޑުކޮށްފައެވެ.

މި ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބޭ

    މިއީ ކައްޕީގެ އިހުމާލުން ދިމާވި ހިތާމަވެރި ހާދިޝާއެއް މި ބޯޓް ރަށެއްގެ ފުއްޓަރުފަރާތަށް ލެއްގިނަމަ ބިޔަ ރާޅު ތަކުދަށުވެ ހިތާމަވެރި ހާދިޝައެއް ނުހިނގިކަންވަރަށްބޮޑު ނަސީބެއް ބޯޓުން ތެޔޮހުސްވާކަން ކައްޕިއަށްނޭގޭނަމަ ބޯޓް ދުއްވާއިރު ވެސް ވީލް ހައުސްތެރޭގަ ހުންނަ ގޮނޑީގަ ކައްޕި އިންނާނީ ނިދާފަންކަންޔަގީންވޭ

  2. ކާނިވާއިން

    ސާބަހޭ ކޯސްޓްގާޑް.