ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނުފޫޒުން އެއްކިބާ ކުރައްވާނެ ކަމަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމްގެ "އުޖާލާ ޒަމާން" މެނިފެސްޓޯގައި އެންމެ މުހިންމު ކަމަކަަށް އިސްކަންދީފައިވާ އެއް ކަމަކީ އަދުލު އިންސާފު ގާއިމުކުރުމެވެ.

އެގޮތުން ކޮރަޕްޝަނުން ދުރުކުރެވިފައިވާ، ނަޒާހަތްތެރި، ޒާތީ ތައައްސުބުން އެއްކިބާވެފައިވާ، ޝަރީއަތުގެ މަރުހަލާ ހަލުވިކޮށް ހިނގާ، ޢަދުލުވެރި ފަނޑިޔާރުގެއެއް ހިނގާކަން ކަށަވަރުކުރާނެ ކަމަށް ބުނެފައި ވެއެވެ. އަދި އެކަމަށް ބޭނުންވާ އިންތިޒާމްތައް ޝަރުއީ ދާއިރާއަށް ފަހިކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

އެ އަމާޒަށް ވާސިލުވުމުގެ ގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން ސިޔާސީ ނުފޫޒުން މިންޖުކޮށް، އެއީ ޒާތީ ތައައްސުބުން އެއްކިބާވެ ތިބެގެން ރާއްޖޭގެ އަދުލުގެ ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރުކުރާ މުއައްސަސާއަކަށް ހަދާނެ ކަމަށް ބުނެފައިވާ އިރު ފުރަތަމަ 30 ދުވަހުގެ ތެރޭގައި އެކަން ކުރަން ވަނީ ނިންމައިފައެވެ.

  • އޭގެ އިތުރުން އަދުލުގެ ނިޒާމު އެންމެ ރަގަޅަށް ހިންގުމަށްޓަކައި އެދާއިރާއަށް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތަކާއި ފުރުސަތު ހޯދައިދީ ޕްރޮފެޝަނަލް އަދި ތަމްރީނު ލިބިފައިވާ ޖުޑިޝަރީއަކަށް މަގުކޮށައި ދިނުމަށް ވަނީ ނިންމައިފައެވެ.

އަދުލުގެ ނިޒާމުގެ ބޮޑު ބައެއް ހިނގަނީ މާލޭގައި ކަމަށްވާއިރު ފަނޑިޔާރުގޭގެ ބޭނުންތަކަށް އެކަށީގެންވާ އިމާރާތެއް ނެތުމަކީ ޝަރީޢަތް ލަސްވުމުގެ މައިގަނޑު އެއް ސަބަބު ކަމުގައިވާތީ އެކަމަށް ހައްލެއް ގެނައުމަށްޓަކައި އެކަށީގެންވާ އިމާރާތްތައް، ފަނޑިޔާރުގެ ހިންގުމަށް ހަމަޖައްސަން ވެސް ވަނީ ހިމަނައިފައެވެ.

އޭގެ އިތުރުން ގާނޫނުލް އުގޫބާތު އައުމަށްފަހު ވެސް ބައެއް ހާއްސަ ގާނޫނުތައް އުވާނުލުމުން، އެކި ގޮތަށް ހުކުމް ކުރުމުގެ ފުރުސަތު އޮތުމުން، އެކަމަށް ހައްލު ގެނެސްދިނުމަށް ވަނީ ހިމަނައިފައެވެ.

ހަމަ އެހެންމެ ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ހަރުދަނާކޮށް ޒަމާނީ ފަރުވާގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބޭ މީހުން ރިހެބިލިޓޭޓް ކުރުމަށްޓަކައި ރިސޯޓް ރިހެބް ސެންޓަރު ގާއިމުކުރަން ވެސް ވަނީ ވައުދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރެފްރީ

    ހާދަހާކަންތައްތަކެކޭ 30 ދުވަސްތެރޭ .....

  2. ލޮލް

    މޮޅު ވާހަކަ ނުދައްކާ އިންތިޚާބުވާތާ ފުރަތަމަ ތިރީސް ދުވަހުގެ ތެރޭގައި ކުރަންބުނި ކަންތަކުގެ ތެރޭން އެންމެ ކަމެއް ނުކުރެވުނަސް ދެވަނަ ތިރީސް ދުވަހުގެ ތެރޭ އިސްތިއުފާ ދޭނަމޭ ބުނެބަލަ. ތިރީސްދުވަހޭ ކިޔާއިރު ވެރިކަމަށް އަންނަ މީހާގެ ކިބައިގައި އެވަރު ގަޓު ހުންނަން ޖެހޭނެ.

  3. ލޮލް

    ވެރިކަން ލިބޭތަނުން ޚިޔާލުބަދަލުވެ ނުވަތަ ނުކުރެވޭނެކަން މޭރުންވުމުން ބުނެފާނެ އެއީ އެހެން ދެއްކި ވާހަކައެއް ނޫނޭވެސް. މިހާރު ހުރި ވެރިމީހާއަށް މިމީހުން ކެންޕޭނު ކޮށްދިން އިރު މިމީހުންނަށް އެކަން ވަރަށް ރަނގަޅަށް އެނގޭނެ.

  4. ށދދފދފފ

    ޙުސް އަވަމެނދުރު

  5. ރާކަނި ސައްތާރު

    5 އަހަރު ގެ ދައުރު އެއްމެ 30 ދުވަހުން ކަންތައް ކޮއްލެވޭނެ ރައީސުން އަހުރުމެން ބޭނުމީ.

  6. އުއްލޫކެ ޕައްޓޭ

    ފުރަތަމަ ދުވަހު އުވާލިއްޔާ މާ ރަނގަޅުވާނެ

  7. މުލޭ

    ކުރެވޭ ޒާތުގެ ވާހަކަ ދައްކާ. ނޫނީ އަގުވެއްޓި އޮތް ތާއީދު ވެސް ގެއްލުން ނޫންކަމެއް ނުވާނެ.

  8. ހުސެންް

    ދަރިފުޅާ، ޅަސޮރާ. ކިހިނެއްތޯއޭ ތިކަންތައް ކުރައްވާނީ. ތިކަން ކުރާނެ ގޮތުގެ ފޯމިއުލާއެއް ނިކަން ދައްކަދީ ބަލާށެވެ. ތިކަން ކޮށްގެން ހަމަތިބޭފުޅާ ނޫންތޯއޭ ޕުރެޝަރަށްދާނީ. ދެން އަނެއްކާވެސް ޖެހޭނީ ބާރުތައް އަތްމަތި ކުރުވަން ނޫންތޯއޭ. މިހާހަމައަށް މަނިކުފާނު އަދި ރަނގަޅު ވާހަކައެއް ނުދައްކަވާ. މުޅިންވެސް ދެއުޅިޔެށްނުވާ ކޮސްގޮވަނީ. ކޮންމެފަދަ ވާހަކައެއްވެސް ދައްކަވައިގެން ސަޕޯޓެއްލިބޭތޯ ނޫންތޯ ތިބައްލަވަނީ. ޥަރަށް އިހުތިރާމެވެ. ނަމަވެސް މަނިކުފާނަކަށް ސަޕޯޓެއްނެތެވެ.