ރާއްޖޭގެ ރައްޔިތުކަން އެހެން ބަޔަކަށް ދީގެން ނުވާނެ ކަމަށާއި މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ވެރިކަމެއްގައި އެކަން ހިފަހައްޓާނެ ކަމަށް އެ ޕާޓީ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް އެގޮތަށް ވިދާޅުވީ ރޭ ސަންގު ޓީވީން ގެނެސްދިން "ހަބަރަށް ފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ދާދި ފަހުން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ލިބޭ ލިސްޓު އާންމުކުރި އިރު ކުރިން ބޭރު ގައުމުގެ ރަށްވެހިކަން އޮތް މީހުން ވެސް އެ ލިސްޓުގައި އޮތުމުން ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ.

އެހެންވެ އެކަމާ ގުޅޭ ގޮތުން ނާޒިމްއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުކަން އެހެން އެއްވެސް ބަޔަކަށް ދީގެން ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް ކޯޕަރޭޓް ރެސިޑެންސީ އުސޫލުން ދިގުމުއްދަތަކަށް ވިސާ ދިނުމަކީ ތާއިދު ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މެލޭޝިއާގައި ވެސް ހިންގާ "ސެކަންޑް ހޯމް" ފަދަ ޕްރޮގްރާމްތައް ރާއްޖޭގައި ހިންގައި ފުޅާ ކުރަން ތާއިދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުކަން މިހާރު ލިބެނީ ފޮރިން މިނިސްޓްރީއަށް ހުށަހެޅުމުން ކަންކަން ބެލުމަށް ފަހު ރައީސް އޮފީހަށް ދިއުމުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ހާއްސަ ބާރެއްގެ ދަށުންނެވެ.

"ވަރަށް ފަހުން ވެސް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ސަރުކާރަށް ތާއިދު ކުރާ މީހަކަށް ދިވެހި ރައްޔިތަކަށް ވިތަން. އެގޮތަށް ދިނީމަ އެ މީހާއަށް ބޯހިޔާވަހިކަން ލިބިގެން މި ދިޔައީ. އެހެންވީމާ އަޅުގަނޑު މިއަދު ގަބޫލެއް ނުކުރަން އެއްވެސް ބިދޭސީއަކަަށް ސިޓިޒަންޝިޕް ދެވިދާނެ ކަމަކަށް. އެކަން ހަމަ އެކަން ވަރަށް ހަރުކަށިކޮށް ހިފަހައްޓާނެކަމަށް އަޅުގަނޑު ދަންނަވަން: ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 111

    މިއީ ޤައުމު ދެކެ ލޯބިވާ ކޮންމެ މީހަކުވެސް ބޭނޖންވާނެ ކަމެއް. ކޮންމެ ލީޑަރަކުވެސް ކުރަން ލާޒިން ކަމެއް

  2. ފާތުން

    ކަލޭ އާއިލާ ނިކަމެތި ވީމަތަ ހުޅުމާލެ އިން ގޯތި ދިނީ. މާލޭ ގައި އެއްވަރަށް ގޯތި ގަނެފަ ހުޅުމާލެ އިންވެސް ފުލެޓް ލިބިފަ އަދި ތަންތަން ގަނެފަ މިހާރު ގޯތިވެސް ލިބިފަ. ކަލޭމެން ވަނަތަންތަން މަދީތަ ނިކަމެތިންއަށް ގޯތިދޭ ހުޅުވާލީމަ ތި ފޯމް ލަނީ.

  3. ހައްލަކީ ޢުމަރު ނަސީރު

    ތިކަމުގައި އެންމެ ރަނގަޅު ސިޔާސަތެއް ހާމަ ކުރީ އުމަރު ނަސީރު. އެބޭފުޅާ ވިދާޅުވަނީ މިގައުމުގައި ބިދޭސީ ލޭބަރަކަށް އެންމެ ގިނަ ދުވަހު މަސައްކަތް ކުރެވޭނީ ފަސް އަހަރު ކަމަށް، އަދި ޓެކްނިކަލް ދާއިރާގައި ބިދޭސީއަކަށް އެންމެ ގިނަދުވަހު މަސައްކަތް ކުރެވޭނީ ދެއަހަރުކަމަށް. އެ މުއްދަތުތަކަށް ފަހު އެމަގާމަށް ދިވެއްސަކު ނުވަތަ އެހެން ބިދޭސީއަކު އައްޔަން ކުރަންޖެހޭނެކަމަށް އަމުރުކޮށް އެކަން ތަންފީޒުކުރާނެ ކަމަށް. އެހެންވީމާ ބިދޭސީންނަށް ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހަދާނެ ފުރުސަތެއް ނުލިބޭނެ.