އަންހެން ފުލުހަކަށް ގެވެށިއަނިޔާކުރި މައްސަލައެއް ހުށަހެޅުމާ ގުޅިގެން ފުލުހުން މައްސަލައެއް ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން އެއްބަސް ވެއްޖެއެވެ.

އަދި މިމައްސަލަ ތަހުގީގުކުރުމުގެ ތެރެއިން ލިބިފައިވާ މައުލޫމާތުގެ އަލީގައި ޕްރޮފެޝަނަލް ސްޓޭޏްޑަޑްސް ކޮމާންޑުން ގެންދަނީ ތަހުގީގެއް ހިންގަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް އަންހެން ފުލުހަކަށް ގެވެށި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށް ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެކަމާއި ގުޅޭ ގޮތުން ކުރި ސުވާލަށް ފުލުހުން ޖަވާބެއް ވެސް ނުދެއްވައެވެ.

ދިޔަރެސް ގައި އިއްޔެ ގެނެސްދިން ޚަބަރެއްގައި ވަނީ އަންހެން ފުލުހަކާއި ގުޅޭ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް އާއި އިތުރު އޮފިސަރުންތަކެއް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ނަމަވެސް ފުލުހުން މިއަދު އެކަން ދޮގުކޮށް ވިދާޅުވީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ހަގީގަތް އޮޅުވާލަން، ތަހުގީގުގެ ތެރެއިން އުޅޭކަމަށް ބަޔާންކޮށް ދިޔަރެސް ނޫހުން ޝާއިއުކޮށްފައިވާ ޚަބަރަކީ، އެކަމާ ގުޅޭގޮތުން ފުލުހުންގެ ކިބައިން މައުލޫމާތު އޮޅުންފިލުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް، ލިޔެފައިވާ ދޮގު ޚަބަރެއް ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކޮންޑަކްޓު ކަށަވަރުމުރުމަށް ގާނޫނުތަކުން ތަފާތު އިންތިޒާމުތައް ހަމަޖެހިފައިވާ ހިނދު، އެނިޒާމުތަކާ މެދު ރައްޔިތުންގެ އިތުބާރުގެއްލޭގޮތަށް، ޒިންމާދާރުކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް މިފަދަ ހައްސާސް ކަންކަމުގައި ހަގީގަތާ ހިލާފު މައުލޫމާތު ހާމަކުރުމަކީ ފުލުހުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އަންހެން ފުލުހަކާއި ފުލުހުންގެ އޮފިސަރުންތަކަކާއި ގުޅޭ މައްސަލައެއް ފެންމަތިވެފައި ވާއިރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އަންހެން ފުލުހަކު މައްލަވަ ކުރަން ކޮށްފައި ހުރި ކަމަށް ބުނާ މެސެޖްތަކެއް މިއަދު ވަނީ އިންޓަނެޓްގައި ދައުރުވާން ފަށާފައެވެ.

ނަމަވެސް އަލީ ރަޝީދުގެ މެސެޖްތަކުގައި ހިމެނޭ ފުލުހަކީ ފުލުހުން ތަހްގީގު ކުރާ މައްސަލައިގައި ހިމެނޭ ފުލުސް ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިޔާލު

    ފުލުހުން ބުނާ އެއްޗެއްގެ އެއްވެސް ޔަގީން ކަމެއް ނެތް. އާއްމުކޮށްވެސް މިހާރު ދޮގު ހަބަރު ފަތުރަނީ.

  2. ކަމަނަ

    ފުލުހަށް އަލައްވަންނަ ހުރިހާކުދިންނަށް މި ވެރިންބަރާބަރަށް މެސެޖްކޮށްހަދާ އެކުދިންނަށް ބުނަންނުކެރެނީ ބައެތްކުދިން ޕުރޮމޯޝަންހޯދަން އެމީހުންބުނާހާ ކަންކަންކުތަނީ ފަސޭހާގައިއުޅެން