ދަ ޑިމޮކްރެޓްސް ޕާޓީ ހިންގާނީ އެންމެންގެ ބައިވެރިވުމާއެކު އަސާސުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް ޣިޔާސުއްދީން ސްކޫލްގައި މިރޭ ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރި އެތައް ބައެއްގެ އުންމީދުތަކާއި ގަބޫލް ކުރުންތަކާއި ފަލްސަފާ އާއި ބޭނުންވި އުސޫލްތަކާއި ހަމަތައް ނަގަހައްޓަން އުފެއްދި އެމްޑީޕީ މަގުން ކައްސާލާ އެހެން މިސްރާބަކަށް ދަތުރުކުރަން ފެށި ފެށުން ވެގެން ދިޔައީ އެހެން ގޮތެއް ހޯދަން ޖެހުނު މައިގަނޑު ސަބަބު ކަމަށެވެ.
ރާއްޖެއިން ފުހެލަން މަސައްކަތް ކުރަމުންދިޔަ ވައްކަމާއި ކޮރަޕްޝަން އެއީ އެމްޑީޕީ ސަރުކާރުގެ މައި ތަނބުކަމުގައި ހަދާ ނިމިއްޖެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
"އެމްޑީޕީގެ ދަފްތަރުން 3900 އަށްވުރެ ގިނަ މީހުން ވަކިކުރި ވަކިކުރުން އެއީ ވަރިހަމަކޮށްލެވޭނެ ކަމެއްކަމަކަށް ނުވި. އެމީހުންނަށް ގާނޫނުން ކަށަވަރުކޮށްދީފައި އޮތް ވޯޓު ދިނުމުގެ އަސާސީ ހައްގު އެ މީހުންގެ ކިބައިން ނިގުޅައިގެން. އެ މެމްބަރުން އެމްޑީޕީއިން ވަކިނުކޮށްވެސް ދިމާވެފައި އޮތް މައްސަލަ ހައްލުކުރެވޭނެ އެހެން ގޮތްތައް ފެންނަން އޮތް ކަމުގައިވީ ނަމަވެސް އެ ޕާޓީއިން އަވަސްވެގަތީ މެމްބަރުން ވަކިކުރަން." ހަސަން ލަތީފް ވިދާޅުވިއެވެ.
އޭގެ އިތުރުން އެމްޑީޕީގެ އެތެރެއާއި ސަރުކާރުގެ ތެރޭގައި މަޝްވަރާކުރުމާއި ކަންކަމުގައި ބައިވެރިވުން އޮތް މިންވަރާއި ދެ ފުށް ފެންނަގޮތަށް ކަންކަން ކުރުމުގެ މުހިންމު ސިފަ އެކުގައި ނައްތާލާފައި އޮތް ކަމަށް ވެސް ވިދާޅުވިއެވެ. އެމްޑީޕީގެ ގުނަވަންތަކުގައި މަޝްވަރާއެއް ނުހިނގި ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ރައީސްއަށް ސަނާ ދެންނެވުން ނޫންގޮތަކަށް ވާހަކަދައްކާނަމަ އެއީ ސަރުކާރަށް ޖެއްސުން ކުރުން ކަމުގައި ދެކެން ފެށުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ހިންގަމުންދިޔަ ނުރަނޅަގު ކަންކަމަށް ބަސްބުނުމުގެ ފުރުސަތު އެކުގައި ބަންދުކޮށްފި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. މަޖިލީހުގައި ރައްޔިތުން ތަމްސީލް ކުރުމުގެ ބަދަލުގައި ރައީސް ތަމްސީލްކުރުން ނޫންގޮތެއް މެމްބަރުންނަށް އޮތް ކަމަށް ގަބޫލްނުކުރެވޭ މިންވަރަށް ކަންކަން ގެންގޮސްފި ކަމަށް ވެސް ވިދާޅުވިއެވެ.
" ރައްޔިތުންގެ އާންމު ހާލަތު ދަށަށް ދިޔަ ނަމަވެސް ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުމަށް އުޒުރުވެރިވާން ފަށައިފި. ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ދިޔައިރުވެސް ދަރަނި ކުޑަކުރުމަށް ކުރަންޖެހޭ މުހިންމު އެއްވެސް މަސައްކަތެއް ސަރުކާރަކުން ނުކުރި. ސަރުކާރުގެ ބޭކާރު ހަރަދު ދިޔައީ އިންތިހާއަށް ބޮޑުކުރަމުން. ރައްޔިތުންގެ އުފެއްދުންތެރި މަސައްކަތްތަކަށް އެއްވެސް ވަރަކަށް އަހަށްމިއްޔަތު ކަމެއް ނުދިން. ދައުލަތުގެ އިގްތިސާދު ދިޔައީ ސިސްޓަމިކްކޮށް މިސް މެނޭޖް ކުރަމުން. މިއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ދޫކޮށް ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބައެއް މެމްބަރުން ސޮއިކުރެއްވި ބައެއް ސަބަބު." ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސް ޕާޓީ ހިންގާނީ އެންމެންގެ ބައިވެރިވުމާއެކު ކަމަށާއި ކަންކަން ނިންމަމުން ގެންދާނީ މަޝްވަރާއާއެކުގައި ކަމަށެވެ. އަދި ނިންމާ ކަންކަމަކީ ދެފުންފެންނަ ކަންކަމުގައި ހަދާނެ ކަމަށް ވިދާޅުވިއެވެ.
އެ ޕާޓީއަކީ ކަންކަމުގައި ބަސް ކިއާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށާއި ސަރުކާރުގައި އޮތަސް އަދި ނެތަސް ކުރާ ކަންކަމަށް ޖަވާބުދާރީވާނެ ކަމަށް ވިދާޅުވިއެވެ. އެ ޕާޓީ އޮންނާނީ ޕާޓީގެ އަސާސުތައް ގަބޫލްކުރާ އެންމެނަށް ތަންމިނަށް އަތް ހުޅުވާލައިގެން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ޕާޓީ ކޮންމެ ގޮތަކަށް ކޮންމެ ބަޔަކު ލައިގެން ހިންގިޔަސް ބުނަން އޮތްވާހަކައަކީ ތިއިން އެއްވެސް މީހަކު ސިޔާސީ ގޮތުން ކުރިޔަށް ދިއުމުގެ ވިސްނުމެއް ނުގެންގުޅޭށޭ. ނަޝީދަށްވުރެ ކުރިޔަށް އަރަން މަސައްކަތް ނުކުރައްޗޭ. އެމަގަށް ގޮސްފިއްޔާ އެނިމުނީ. އޭނަ ދުނިޔޭގެ ހުރިހާ ދުވަހު ތިޕާޓީ ވުޖޫދުގައި ބާއްވަން ބޭނުންނަމަ އެގޮތުގައި ތިބޭ.
އަމިއްލަ ޕާޓީގެ މީހުން ނޫނެކޭ ބުނީމަ ހުދުމުހުތާރު ބައިގަނޑު ޕާޓީން ވަކިވެގަތީ. ކޮން އެއްބަައިވަނަތަކަމެކޭ ޑިމޮކްރެޓްސް އެކޭ ކިޔާކަށް!
ތެޔޮލާ ރައްޔިތުން ލޮލުގަ އަނދުން އަޅުވައިގެން.
އެ އުސޫލަކީ ނަޝީދު ޖަހާހައި ބެރަކަށް ނެށުން. އެހެންނޫނީ ޕާޓީން ބޭރުކޮށްލާނެ! ދުވަސްކޮޅަކުން މީހުންތަކަށް ކެތްނުވެގެން ތެޅެގަތުމުން ޕާޓީ ދޫކޮށް އަނެއްކާވެސް އޭނާއަށް ފިދާވާ މީހުންކޮޅެއް ގޮވައިގެން ޕާޓީއެއް ހަދާނެ!
5 އަހަރުގެ ޚިޔާނާތާ ގައްދާރުވުން މަތިޖަހާ ނިވާކޮއް މާތްބައެއްގެ ހެދުންލަެިގެން ނުކުންނަ އެއްބައިގަނޑެއް.
ޕާޓީގައި ނަޝީދު ހުންނަހާ ހިދަކު ޕާޓީ ހިންގަންޖެހޭނީ ނަޝީދު ބުނާގޮތަށް. ނަޝީދު ރުހޭ ގޮތަށް. މިކަމުގެ ހެތްކަކީ އެމް.ޑީ.ޕީ ގައި ޑރ. މުނައްވަރަށާ އިބްރާއަށާ ރީކޯ މެންނަށް ވީގޮތްގޮތް. ލަތީފަށްވެސް ނަޝީދާ އިދިކޮޅު ޚިޔާލެއް ފާޅުކޮށް ވާހަކައެއް ދެއްކޭކަށް ނޯންނާނެ.
ނަސީދަކީ ޕާޓީއުފައްދާ ހިންގުމުގެ ގާބިލުކަން ހުރިމީހެއް.
ނަޝީދުގެ ތިފަށުވި ވާހަކަތަކުގެ އަވާގައިޖެހި 2008 ގައި ރައްޔިތުން ނިކުމެ އިންތިޚާބު ކުރި، އެހެންނަމަވެސް ނަތީޖާ ހަމަ ވަރަށް ހިތި. ބަޔަކު ހަނދާން ނެތަސް ފަޅުރަށްރަށް ބެހުމާއި ދައުލަތުގެ ފައިސާ އާއި މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ޕާޓީ މީހުން ގޮވައިގެން ‘ޕާޓީ’ ކުރުމުގައި ހައްދެއްނެތި އެއިރު ދިޔައީ. ދެން ދައުލަތް ހިންގަން ނޭނގި އަމިއްލަ ސަރުކާރު އަމިއްލަ އަތުން ބީވެދިޔައީ. މިއަދު އެވަނީ އަމިއްލަ ޕާޓީގެ ތެރެއިން ބަލިވެ އެކަން ގަބޫލު ނުކުރެވި ހަމަ ސީދާ ވެރިކަން ނޫން އެހެން އެކައްޗެއްވެސް ބޭނުންނުވެ ވަށައިގެން ތިބި މީހުން ގޮވައިގެން ނިކުމެ. ނަޝީދުގެ އެއްވެސް ކަމެއް ބަދަލެއް ނުވޭ..