"ދަ ޑިމޮކްރެޓްސް" ޕާޓީއަކީ އެމްޑީޕީގެ މެޖޯރިޓީ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ދިވެހިންނަށް އެންމެ ހައްގު މިންވަރު ހޯދައި ދިނުމުގެ މަސައްކަތުގެ ނިޔަތް ގަތުމަކީ ސިޔާސީ ޕާޓީއެއްގެ މަގުސަދު ކަމަށެވެ.

ހަމަ އެހެންމެ ޑިމޮކްރެޓްސް އުފެއްދެން ދިމާވި ސަބަބު ކުރިން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ކިޔައިދެއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އުފެދެން ޖެހުނީ އެމްޑީޕީގައި ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ ބޭފޫޅުންނާއެކު ޕާޓީ ދެ ބައިވުމުންނެވެ.

އެމްޑީޕީން 12 މެމްބަރުން މަޖިލީހުން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާ އިރު ޑިމޮކްރެޓްސްއަކީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީވެސް މެއެވެ.

ނަޝީދު ރޭ ވިދާޅުވީ ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ އެއް ބައި ކަމަށާއި އެ ޕާޓީއާ ގުޅިވަަޑައިގެންނެވީ އެމްޑީޕީން ވަކި ވެގެން އައި ބައެއް ކަމަށެވެ.

"މިއީ އެ ޕާޓީގެ [އެމްޑީޕީގެ] ބޮޑު ބައިކަމާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނޫފެދޭ. އަޅުގަނޑު ޑިމޮކްރެޓްސްގެ މެމްބަރުންނަށް ޔަގީންކަން އަރުވަން އިރާދަ ކުރެެއްވިއްޔާ ތިބޭފުޅުންނަކީ ކުރީގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 80 އިންސައްތަ" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން 12 މެމްބަރުން މަޖިލީހުން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާ އިރު ޑިމޮކްރެޓްސްއަކީ މިހާރު މައިނޯރިޓީ ޕާޓީ އަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ނަޝީދުގެ ވާހަކަފުޅުގައި ރޭ މައިގަނޑު ގޮތެއްގައި އަލި އަޅުވާލެއްވީ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޭން ނިންމުމުގެ މައްޗަށެވެ. އެ ނިންމުމަށް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އެންމެ 20 ދުވަހަށް ވީމަ ގޯތި ދިނުމަކީ ސިޔާސީ ބޭނުމަކަށް ކުރެއްވި ކަމަށް ރައީސް ނަޝީދު ސިފަ ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް އެތައް ފަހަރަކު މީގެ ކުރިން ތަކުރާރުކޮށް ދަންނަވަމުން ދިޔަ ކަމަށެވެ.

އެގޮތުން ވެރިކަން ފެށުނީއްސުރެ އެ ވާހަކަ ދައްކަވަމުން ދިޔަ ކަމަށާއި އަދި މިހާރު ވެރިކަން ނިމެން ކައިރިވީ އިރުވެސް އެންމެ މީހަކަށް ވެސް ބޯހިޔާ ވަހިކަން ނުދެވޭ ކަމަަށެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ އެމްޑީޕީން ވެރިކަމަށް އައިތާ ދެވަނަ ފަހަރު ކަމަށާއި އަދި ގިނަ ވަޒީރު ބޭފުޅުންނަކީވެސް ތަކުރާރުކޮށް ވަޒީރުކަން ކުރައްވާ ބޭފުޅުން ކަމަށްވާ އިރު ނުހަނު ރަނގަޅަށް ކުރެވޭން އޮތް ކަމެއް ހަރާބުގެ މަގަށް ގެންގޮސް އެންމެ ފަހުން މުޅި އެމްޑީޕީވެސް ދެބައި ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލަންގިރި ނަޝީދު

    މެޖޯރިޓީ ބޮޑުކަމުން އެތެރޭގެ އިންތިހާބުން ބަލިވީމަ ބޮޑާހާކައިގަނެގެން ދިޔައީ. ނަޝީދާކީ މައުމޫނުގޮތަށް ތާއީދު ގެއްލިފަވާ މީހެއް. އެކަން މި އިންތިހާބުން މާ ރީއްޗައްވެސް ފެންނާނެ. އިންޝާﷲ

    8
    1