ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރަށާއި ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނޮޅިވަރަންފަރަށް ވަޑައިގެން އެރަށު ބަނދަރު އިފްތިތާހު ކޮށްދެއްވައި، ކުޅުދުއްފުއްޓަށް ވަޑައިގެން ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ރައީސް ޔާމީން ރޭ ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ ކުރިން އެ ރަށުގައި ހަދަމުންދާ އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އުއްމީދު މިކުރަނީ އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރ 23 ގައި މިނަގާ ވޯޓްގައި މާލޭގައި ތިބި ކުޅުދުއްފުށީ ރައްޔިތުން ވޯޓް ލާން ވަޑައިގަންނަވަނީ އެއާޕޯޓް މެދުވެރިކޮށް. އެވަރަށް މަސައްކަތް ކުރެވޭނެ ކަމަށް އަޅުގަނޑުމެން މިއުއްމީދު ކުރަނީ." ރައީސް ވިދާޅުވިއެވެ.

އެއާޕޯޓެއް ކުޅުދުއްފުށީގައި ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހދ.އަތޮޅުގައި ތަރައްޤީ ކުރަން ނިންމާފައިވާ 3000 އެނދަށް ފަތުރުވެރިން އުފުލުމާއި އަދި ކުޅުދުއްފުއްޓާއި ކައިރީގައި ހުރި ރަށްރަށުގައި އުފެދިގެންދާ ގެސްޓްހައުސްތަކަށް ފަތުރުވެރިން އުފުލުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރި ފާޑުކިޔުންތަކަށް ރައްދު ދެއްވާ ރައީސް ރޭ ވިދާޅުވީ އެބޭފުޅުން މިހާރު ކުޅުދުއްފުއްޓަށް އެއާޕޯޓެއް ބޭނުންވާ ކަމަށް ވިދާޅުވުމުން އެކަމުގެ މާނަ އަކީ އާބާދީ ބޮޑެތި ރަށްރަށުގެ ތަރައްޤީ އާއި މެދު އެބޭފުޅުންގެ ވިސްނުމުގައި ކޮންމެވެސް ކަހަލަ މައްސަލައެއް އުޅޭތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މީގެ ތިން އަހަރު ކުރިން އެނގުނު ކުޅުދުއްފުށީގައި އެއާޕޯޓެއް އޮންނަން ޖެހޭނެ ކަން. ކުޅުދުއްފުށީގައި އެއާޕޯޓެއް އޮތުމުގެ ހަމައެކަނި ބޭނުމަކީ މާލެ އާއި ކުޅުދުއްފުއްޓާއި ދެމެދު ހަމައެކަނި ވައިގެ ދަތުރުތައް ކުރުމެއް ނޫން. މިހިސާބަށް ތަރައްޤީ އަންނަން އެބަޖެހޭ." ރައީސް ވިދާޅުވިއެވެ.

ސެޕްޓެމްބަރ 23 ގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއިރު އެރަށުގެ އެއާޕޯޓްގެ މަސައްކަތް ތިން ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު ކުރަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު