ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވައިލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި މައްސަލާގައި ޝަހްސު އޮޅުވައިލުމުގެ ދައުވާ ފާރިސްގެ މައްޗަށް ކުރާއިރު، އެ މައްސަލައިގައި މާދަމާ ބާއްވާ އަޑުއެހުމުގައި އޮންނާނީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ތެރެއިން ހެކިބަސް ނަގާނެ ހެކިވެރިންނާ ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމެވެ. އެ މައްސަލައިގައި ފާރިސްގެ ފަރާތުން 47 މީހަކު ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

މާދަމާ ޝަހްސު އޮޅުވައިލުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވާ އިރު، އިތުރު ތުހުމަތެއްގައި ފާރިޝް ހުންނެވީ ޖަލު ބަންދުގައެވެ. މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި މިވަގުތުވެސް ފާރިޝް ޖަލުގައި ހުންނެވިއިރު، އެ މައްސަލައިގައި ފާރިސްގެ މައްޗަށް އުފުލާފައިިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

މީގެ އިތުރުން ފާރިޝްގެ ބައްޕަ، އަދި ކުރީގެ ރައީސް މައުމޫންވެސް ހުންނެވީ، ފަޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ޖަލު ބަންދުގައެވެ.