ކުރީގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ޓްއަރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވި، އެމައްސަލައިގައި ދައުވާ އުފުލުމުން އަލީ ވަހީދު ރާއްޖެ އިން ފުރައިގެން ދިޔައީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

އަލީ ވަހީދު މިއަދު ރާއްޖެ އަންނަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާން ނެތްކަމަށް ބުނެ، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަލީ ވަހީދުގެ މައްސަލަ އަނބުރާ ގެނައުމުންނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވަނީ ޓާކިޝް އެއާލައިންގެ ފްލައިޓެއްގައެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނެ ކަމަށް މިހާރު ލަފާ ކުރެވެނީ 13:37 ގައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔަ ނަމަވެސް އޭނާ ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގި ޗިޓަށް ކޯޓަށް ހާޒިރުވެފައި ނުވާތީ އަލީ ވަހީދު ދެމަހާއި 12 ދުވަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން 2021 ވަނަ އަހަރުގެ އޮގަސްޓް 11 ވަނަ ދުވަހު ހުކުމް ކުރިއެވެ. އެހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައެއް ނުވެއެވެ. އެހެންކަމުން އަލީ ވަހީދު ރާއްޖެ އަށް އައުމާއިއެކު އެހުކުމް ތަންފީޒު ކުރަން އޭނާ ހައްޔަރު ކުރުމުގެ ފުރުސަތު އެބައޮތެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ކުރިއެވެ. އެއީ

ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދު ފާއިތުވި ދެއަހަރު ދުވަހު ދިރިއުޅުނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައިރާން

    ހައިރާނެއް ނުވޭ. އެއީ މި ގައުމަކީ މިހާރު ވަގުންނާއި ލުޓޭރުންނާއި މުޖުރިމުންގެ ސުވަރުގެ.

    26
    1
  2. އިސްޢާފް ސަލީމް

    ރާއްޖޭގެ ވެރިން ފިތިފަ މިތިބަވަރާ ރާއްޖޭގެ ޢަދުލުގެނިޒާމު ފޫގޮސްފައިއޮތްވަރު ރައްޔިތުން ވިސްނަވަާ! މިހިރަކަންކަން ހިނގަމުންމިދަނީ ރައްޔިތުންގެ ލޯކުރިމަތީގައި! ޞާލިޙަށް ވަފާތެރރިޔޭބުނެ ޞާލިޙާއެކު އެތިބަ އަދާލަތުގެ ޣައްދާރުންނާ އޭގެތެރޭގައި ތިއްބެވި ދުރުވިސްނޭ ރައްޔިތުން ފިކުރުކުރައްވާ!