ރާއްޖޭގެ 32 ރަށެއްގެ ކުނިމެނޭޖްކުރުމުގެ މަޝްރޫއު ހިންގުމުގެ ނަމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ތުހުމަތު ކުރައްވައިފިއެވެ.

ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ނަމުގައި ގުރީންފަންޑުގެ ތެރޭން ދައުލުތަގެ ބަޖެޓުން އެތަކެއް މިލިއަން ރުފިޔާއެއް މިސަރުކާރުން ނަގާފައިވާއިރު މާފުށި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުމަށް މިހާތަނަށް އެއްވެސްކަމެއް ކޮށްފައި ނުވާކަމަށެވެ.

އޭގެ އިތުރުން ޒޯނު ތިނެއްގައި ހިމެނޭ ކ. އއ. އދ. ވ. މި ހަތަރު އަތޮޅުގައި ހިމެނޭ 32 ރަށުގެ ކުނި މެނޭޖްކުރުމުގެނަމުގައި ގުރީންޓެކްސް ގޮތުގައި މީރާއަށް ރައްޔިތުން ދައްކާ ފައިސާ މި ސަރުކާރުން ގުރީންފަންޑަށް ޖަމާކޮށްގެން 30,840,000.00 ރުފިޔާ ހިމެނޭ ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާކަމަށް ބެލެވޭ ކަމަށް ބޮންޑޭ ވިދާޅުވެފައި ވެއެވެ.

ބޮންޑޭ ވަނީ މިމައްސަލަ އޭސީސީއިން ލަސްނުކޮށް ތަހުގީހުކުރުމަށް ވެސް ގޮވާލައްވައިފައެވެ.

ކުނި މެނޭޖްނުކުރެވޭ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ދިމާވެފައިވާ ކަމެކެވެ. މީގެ ކުރިން ރަށްރަށުގައި ކުނި އުކަމުން ދިޔައީ މޫދަށެވެ. އެކަމުގެ ސަބަބުން ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުންތަކެއް ދިޔައީވަމުންނެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގެ ރަށްރަށުގައި ރައްކާތެރިކޮށް ކުނި މެނޭޖްކުރުމުގެ ނިޒާމް ގާއިމްކޮށްދިނުމުގެ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތް ކުރަމުންދަނީ އެކި ޒޯންތަކަކަށް ބަހާލައިގެންނެވެ. ނަމަވެސް އަދި އެ ނިޒާމް ހުރިހާ ރަށްތަކުގައި ގާއިމްކުރެވިފައެއް ނުވެއެވެ.

ކުނި ރައްކާތެރިކޮށް ނައްތާނުލެވިފައިވުމުގެ ސަބަބުން ރައްޔިތުންނަށް ބަލިމަޑުކަމާއި އެތައް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ކޮރަޕްސަނުގަ ވިޔަސް މި އިބްރާހީމް ތިޔަކަން އެބަކުރޭ 3 އަހރުގެތެރޭ ކެނެރީގެ ނަސީދު ދަވްލަުގެ އާމްދަނީގެ އިތުރުން ދަވްލަތުގެ ހަރުމުދަލާއި ދަރަނިން 50 ބިލިއަން ރުފިޔާ ހަރަދުކުރީ ކޮންކަމަކަށް ކީއްކުރަން ނިކަން ބުނެދީބަލަ.

  2. ސިއްދީގާ

    ހަޖަމް ކުރަން ބޭސްކާށޭ ،ވަރައް އަސަރުކޮއްފި ގޯތިދޭތީ ބިންހިއްކާތީ ކުނީގެ މަށްސަލަ ހައްލުކުރާތީދޯ ތިޔަނަސީދަކު ކީއްހޭކުރީ ވެރިކަމުގައި ހުރިއިރު ބުރިޖަކާ 25ބުރީގެ އިމާރާތެެއް ފިޔަވައި 5އަހަރު ކީއްހޭކުރީ. ؟
    ބުރިޖް އޯކޭޔޭ ވައްކަން މިހާރު އޯކޭވީހޭ ހަލާލުނޫން ފައިސާ އޯކޭހޭ! ފައިސާ ފައިސާ އެޖާޑީގައި ފައިސާ މިޖާޑީގައި ފައިސާ މިހާރު އޯކޭދޯ.