އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ވެރިކަމުގައި ސްޑޫޑެންޓް ލޯން މާފުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ތާއިދު ހޯދުމުގެ ގޮތުން ށ.އަތޮޅު ފޯކައިދުއަށް ވަޑައިގެން މިރޭ އެރަށުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ލޯނު ނަގައިގެން ތައުލީމް ހާސިލްކުރާ ޒުވާނުންގެ ތެރެއިން ތައުލީމް ހާސިލްކޮށްގެން ރާއްޖެ އަންނަ ހުރިހާ ޒުވާނުންގެ ލޯނު އޭނާގެ ސަރުކާރެއްގައި މާފުކޮށްދޭނެ ކަމަށެވެ. "ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލް ޒުވާނުން ބިކަވެގެންދާ މަންޒަރު ބަލާކަށް ބޭނުމެއް ނޫން. ތަައުލީމީ ޒުވާނުންނަށް މަތީ ތައުލީމް ހާސިލް ކުރުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި. ލޯނު ނަގައިގެން ރާއްޖެއިން ބޭރަށް ގޮސް ކިޔަވައިގެން އެނބުރި އައިސް އުފުލަން ޖެހޭ ތަކުލީފް ވަރަށް ބޮޑު. އެ ލޯނު ދެއްކުމަށް ކުރަން ޖެހޭ އިހްސާސްއަކީ ވަރަށް ތަފާތު އިހްސާސެއް. އަޅުގަނޑުގެ ސަރުކާރެއްގައި ލޯނު ނަގައިގެން ރާއްޖެ އިން ބޭރަށް ގޮސް ތިބި ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ ކިޔަވައިގެން އެނބުރި ރާއްޖެ އަންނަ ހުރިހާ ދަރިވަރުންގެ ލޯން އަޅުގަނޑުގެ ވެރިކަމެއްގައި މާފުކޮށްދޭނަން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އޭނާގެ އަމާޒަކީ ދިވެހިންގެ ފުދުންތެރިކަން އިތުރު ކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް ފެނިގެން މިދިޔައީ އެއްވެސް ސަރުކާރަކަށް ރައްޔިތުން އެދޭފަދަ ބޮޑު ބަދަލެއް ގެނެވި، ރައްޔިތުންނަށް އުފާވެރިކަން ގެނެވިފައި ނުވާކަން. މިރަށުގެ ރައްޔިތުން ވެސް ތިބީ މިރަށުގެ ރައްޔިތުންނަށް އެންމެ ހައްގުވާ މިންވަރު ލިބިގެން ކަމަކަށް ގަބޫލެއް ނުކުރަން." ނާޒިމް ވިދާޅުވިއެވެ.

ބަނދަރާއި، ނަރުދަމާ އާއި އަދި ފެނަކަ އޮފީހެއް އެޅި ނަމަވެސް ރައްޔިތުންގެ ޖީބަށް އެކަށީގެންވާ ފައިސާއެއް ނުލިބޭނަމަ ފުދުންތެރި ބަޔަކަށް ނުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. "ލިބޭ މުސާރަ އިން ތިންއިރު ކާލައިގެން އުޅުނު ނަމަވެސް އެއީ ފުދުންތެރި ބަޔަކަށް ވީކީ ނޫން. ފުދުންތެރި މީހަކަށް ވަނީ އޭނާ ބޭނުންވާ ކަންކަން ކުރެވޭވަރަށް ފައިސާ ލިބިގެން." ނާޒިމް ވިދާޅުވިއެވެ.

ތައުލީމްގެ ވާހަކަ ދައްކާއިރު ފޯކައިދޫ އަކީ ވެސް ބައިބޯ ދަރިވަރުން ގިނަ ރަށެއް ކަމަށެވެ. އޭލެވެލް އާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ރަށުގައި ހަމަޖެހިފައި އޮތްނަމަވެސް އޭލެވެލްއަށް ފަހުު މާލެއަށް ހިޖުރަކުރަން މަޖުބޫރުވެ، ބޮޑު ކުއްޔެއް ދައްކައިގެން މާލޭގައި ދިރިއުޅެން މަޖުބޫރުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. "އަޅުގަނޑުގެ ވެރިކަމުގައި ޑިގްރީ އާއި މާސްޓާސް އަށް ކިޔެވޭނެ ޖޫނިއާ ކޮލެޖެއް މިރަށުގައި ގާއިމު ކޮށްދޭނަން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ފަރުދީ ކަންކަމަށް އިސްކަން ދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މިއަދު އާސަންދަ ތައާރަފް ކޮށްފައި އޮތްނަމަވެސް އެއިންވެސް ފެންނަނީ "ތީމުގެ ހާލަތު" ކަމަށެވެ. ނަމަވެސް އޭނާގެ ވެރިކަމުގައި ސިއްހީ އިންޝްއަރެންސް އެންމެނަށް ހަމަހަމަ ކަމާއިއެކު ލިބިގެން ދާނެ ކަމަށް ނާޒިމް މިރޭ ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަން ފަތިސް

    ދޮގު ވައުދު ވިޔަސް ކޮންމެސް ހައްދެއް އޮންނަންވާނެދޯ. ކާކު ގަބޫލުކުރާނެކަމަށްތަ ތިވާހަކަ ތިދައްކަނީ؟

  2. މިމީ

    ތިކަހަލަ ވެރިއެއް ބޭނުމީ

  3. ލޮލް

    ތަންދޮރު ނުދަންނަ ޖާހިލުންގެ ތާއީދު ހޯދަން ތިކަހަލަ ވައުދުތައް ހިފައިގެން ނުދުވެ، ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުންފިލުވާދީގެން ހަގީގަތާ އެއްގޮތަށް ކުރިޔަށް ދިޔައިމަ މާތްކަލާނގެ ކާމިޔާބުދެއްވާނެ. ތިގޮތަށް ޚިޔާލީފޮލާ ކައްކައިގެން ވެރިކަމަށް އާދެވުނަސް ފަހުން ތަހައްމަލު ކުރަންޖެހޭ ވޭން މާބޮޑުވާނެ.

  4. ލަގން

    ނާޒިމުގެ ވައުދުތައްސަޅި ފުލެޓު ގިނައިން އާޅާދީ ކުލި ކުޑަކޮއްދެއްވާ

  5. ދާންދޫ

    ރިޔާސީ ކެންޑިޑޭޓް ނާޒިމް ގެ ވަޢުދު ތަކާއި މެދު ބައެއް ބޭފުޅުން ވަރަށް ޖެހިލުންވާތަން އެބަފެނޭ .