އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި މ. މުލަކުގައި މިއަދު މުޒާހަރާކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީން އިސް ނަގައިގެން މި މުޒާހަރާ ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ރަށަށް ވަޑައިގަތުމާ ދިމާކޮށެވެ. ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންތަކެއް ނުކުމެ، ޔާމީން މިނިވަން ކުރުމަށާއި ރައީސް ސޯލިހްގެ އިސްތިއުފާ އަށް ވެސް ގޮވާލާފައިވެއެވެ.

ޕީޕީއެމް ސަޕޯޓަރުން މިއަދު މުޒާހަރާ ކުރަނީ. -- ފޮޓޯ: ޕީޕީއެމް

ރައީސް ސޯލިހް، މުލަކަށް ވަޑައިގަތީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ދިމާކޮށެވެ. ދެވަނަ ދައުރެއް ހޯއްދެވުމަށް ރަށްތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި މ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެމަނިކުފާނުގެ ކެމްޕެއިން ފައްޓަވާފައި ވަނީ ށ. އަތޮޅުންނެވެ.

ފުލުހުން މިއަދު މ. މުލަކުގައި. --- ފޮޓޯ: ޕީޕީއެމް

ށ. ފޯކައިދޫ އަށް އެމަނިކުފާނު ވަޑައިގަތުމުން ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ރައީސް ސޯލިހްގެ އިސްތިއުފާ އަށް ގޮވައި މުޒާހަރާކޮށްފައެވެ.

ރިޔާސީ ކެމްޕެއިންގައި ރައީސް ސޯލިހް މިހާތަނަށް ވަނީ ށ. އަތޮޅާއި ކ. އަތޮޅާއި މ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ވ. އަތޮޅަށެވެ.

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތް ހިނގަމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ.

ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. އެ ސުވާލު އުފެދެނީ ރައީސް ޔާމިންގެ ޖަލު ހުކުމް އިސްތިއުނާފްގެ މައްސަލަ އިންތިހާބުގެ ކުރިން ބަލައި ނިމޭނެ ކަމަށް ނުބެލެވޭތީއެވެ.

އެކަމަކު ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަމުން ދަނީ އިންތިހާބުގެ ކުރިން ރައީސް ޔާމިން މިނިވަން ވާނެ ކަމަށެވެ. އަދި ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަން އޮންނާނެ ކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަލިފުތާ

    ޥަގަކު މިނިވަން ކުރަން ގޮވާލައި މުލަކުގައި ހައްދުފަނަޅާފަ ވާބަޔަކު މުޒާހަރާކޮށްފި

    9
    31
    • Anonymous

      ޖޭވީ ދޯ؟

      11
  2. ނަރުގިސް

    ޔާމީނު ސަލާމަށް ކުރާނަމަ ޖަލުގައި ތިބި އެންމެންވެސް ސަލާމަށް ކުރަން ވަަެނެތާ؟

    4
    9
  3. ޖާނު

    ނެތޭ ތިކަމެއްވާކަށް ކޮންމެވެސް އެހެންކަމަކާއުޅޭ

    3
    9
  4. Anonymous

    ތިބަޔަކު ވާނީ މާލޭގައި މޓސސ ގެ ބަސްތައް ހުއްޓުވާ ބައިގަނޑަށްކަން

    2
    9
  5. ރާޝިދާ

    ސާބަހޭ ތީ ޤައުމުދެކެ ލޯބިވާ މީހުން

    11
    4
  6. ކޮމެންޓޫ

    ޕީޕީ މުޒާހަރާ އަށް ތިން މީހުން ދިއައީމަ އެއަށްވުރެ ގިނައިން ޞޯލިހު ފުލުހުން މިފޮނުވަނީ ހާދަ ބިރެއް ގަންނާތީއޭ ދޯ

    7
    1
  7. ހިޔާލު

    މިސަރުކާރުން އާއްމުކޮށް މިނިވަންކޮށް ނޫނީ މައްސަލަ އޮއްބާލަނީ މީހުން މަރާމީހުންނާ ޑްރަގްޑިލަރުންނާ ޖިންސީގޯނާ ކުރާމީހުންނާ. މުޑުދާރު ސަރުކާރެއް. އިންޑިޔާއަށް ވިކިފަ، ތަރައްގީއަށްވުރެ އަމިއްލަ ޖީބަށް ބަރުކުރުން މުހިންމުކަމަށް ދެކޭ ރޮނގާލިގަނޑެއް.

    9
    1