އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މާލެ ސިޓީ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދު ދޫކޮށްލައިފިއެވެ.

ކައުންސިލަރު އިބްރާހިމް މުހައްމަދު ހައްޔަރުކޮށްފައިވަނީ އިދިކޮޅުން މާލޭގައި ބޭއްވި ރެލީއެއްގައެވެ.

އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ގެންދިއުމުން، ކޯޓުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ބުނީ، މިއީ މައްސަލައިގެ ބާވަތުން ޖިނާއީ ބޮޑު މައްސަލައަކަށް ނުވާ ކަމަށާއި، އިތުރަށް ބަންދުގައި ބަހައްޓާނެ ޒަރޫރަތެއް އޮތް ކަަމަށް ނުފެންނަ ކަަމަށެވެ.

ފުުހުން ވަނީ މި ސީނުން ހަތް މީހަކު ހައްޔަރު ކުރެވުނުއިރު ތިން މީހަކު ކޯޓަށް ނުގެންގޮސް ދޫކޮށްލާފައިވާކަން ހާމަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނާގޮތުގައި، އޭނާ ހައްޔަރުކޮށްފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ހައްގުގެ ތެރެއިން އަޑުއުފުލުމަށާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދަށުން ޝުއޫރު ފާޅުކުރަމުން ދަނިކޮށެވެ.