އިސްލާމް ދީނާއި ޑިމޮކްރަސީއާއި ރާއްޖެއާ ގުޅޭ ފޮތެއް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމް ނެރެދެއްވައިފިއެވެ.

"ޝަރުއީ ސިޔާސަތުގެ އަލީގައި ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމް" ގެ ނަމުގައި ލިއުއްވި އެ ފޮތް ނެރުނީ އިއްޔެ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ފޮތް ނެރެދެއްވީ އިސްލާމް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.

އެ ފޮތާ ގުޅޭ ގޮތުން އަނާރާ "ވަގުތަށް" ވިދާޅުވީ އެ ފޮތަކީ އޭނާ ޕީއެޗްޑީ ލިއުއްވި ތީސިސްގެ ބައިތައް ހިމެނިފައިވާ ފޮތެއް ކަމަށެވެ.

މީގެ ކުރިން އެ ފޮތް ނެރެފައިވަނީ އަރަބި ބަހުން ކަމަށް އަނާރާ ވިދާޅުވިއެވެ. އަދި މިއީ އޭގެ ތަރުޖަމާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ އެ ފޮތުން ދިވެހީންނަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ.

"އެގޮތުން މި ދުވަސް ވަރަށް ބަލާއިރު ވޯޓަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މަސްއޫލިއްޔަތާއު ދައުރާއި އަދި ރައްޔިތުންގެ ޒިންމާއާ ބެހޭ ގޮތުން ވެސް މި ފޮތުގައި އަލި އަޅުވާލައިފައި ވާނެ. ހަމަ އެގޮތަށް ރާއްޖޭގެ ވެރިކަން އެންމެ ކުރިއްސުރެ ފެށިގެން އަންނަމުން ދިޔަ ގޮތާއި އަންނަމުން ދިޔަ ބަދަލުތަކަށް ބަލާފައިވާނެ" އަނާރާ ވިދާޅުވިއެވެ.

ހަމަ އެހެންމެ ގާނޫނުއަސާސީ ވުޖޫދުވެ އެ ގާނޫނުތަކަށް އަންނަމުން ދިޔަ ބަދަލުތަކެއް ވެސް އަލިއަޅުވާލައިފައިވާނެ ކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާ މަކުނުދޫ ދާއިރާގެ މެމްބަރުކަން ކުރެއްވީ ނިމިގެން ދިޔަ މަޖިލީހުގައެވެ. އެއީ އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އަނާރާ ވަނީ ދީނީ ދަރުސްތައް ވެސް ދެއްވައިފައެވެ.