މާލޭގައި އަނިޔާވެރި ގޮތަކަށް ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ޒުވާން ސްކޭޓަރު އަލީ ޝާހިލްގެ ދިފާއީ ވަކީލު މައްސަލައިން ތަނާޒުލުވެފައިވާތީ, ވަކީލަކު އައްޔަންކުރުމަށް އިތުރު ވަގުތު ކްރިމިނަލް ކޯޓުން ދީފިއެވެ.

ޝިއާ މަރާލާފައި އޮއްވާ ފެނިފައިވަނީ ހ. ޝީރީން ވިލާގެ ނުވަ ވަނަ ފަންގިފިލާއިން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ. ޝިއާގެ މަރާ ގުޅިގެން އެރޭގެ ވަގުތެއްގައި ސީނުން ވަނީ ފ. ނިލަންދޫއަށް ނިސްބަތްވާ ޒުވާން ސްކޭޓަރު އަލީ ޝާހިލް ހައްޔަރު ކޮށްފައެވެ.

އޭނާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވެއެވެ. އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ.

ޝާހިލްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން އިތުރު ހަތަރު ދައަވާއާއެކު, އެކު ޖުމްލަ ފަސް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.

މައްސަލަ ކޯޓަށް ހުށަހެޅުނު ފަހުން މިހާތަނަށް ހަތަރު އަޑުއެހުމެއް ބޭއްވިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެންމެ ފުރަތަމަ އަޑުއެހުން ބޭއްވުނީ މި އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި, ދައުވާލިބޭ ފަރާތަށް ލިބޭ ހައްގުތައް ޝަރީއަތުން ސާފުކޮށްދެއްވި ކަމަށާއި އަދި ދައުވާލިބޭ ފަރާތުން ދައުލަތުގެ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަށް އެދުމުން އެ ފުރުސަތު ދެއްވި ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޕީޖީއިން ވިދާޅުވީ މާޗް މަހުގެ 29 ވަނަ ދުވަހު ބޭއްވި ދެވަނަ އަޑުއެހުމާއި ހަމައަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ލީގަލް އެއިޑްގެ ދަށުން އަލީ ސާހިލަށް ވަކީލަކު އައްޔަންކޮށްދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ދެން އަޑުއެހުންތައް ކުރިއަށްގެންދެވިފައިވަނީ ދިފާއީ ވަކީލަކާއެކުގައި ކަމަށް ޕީޖީން ވިދާލުވިއެވެ.

އެ އަޑުއެހުމުގައި ސާހިލްގެ މައްޗަށް ކޮށްފައިވާ ފަސް ދައުވާގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއާއި, ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި, އިތުރު ދައުވާއެއް އޭނާއަށް ސާފުކޮށްދެވުނެވެ.

ތިން ވަނަ އަޑުއެހުން ބޭއްވީ މެއި މަހުގެ 25 ވަނަ ދުވަހުގައި ކަމަށާއި އެ ދުވަހުގެ އަޑުއެހުމުގައި, މައްސަލައިގެ ލިޔުންތައް ދިރާސާކުރުމަށް އިތުރު ފުރުސަތަކަށް ސާހިލްގެ ފަރާތުން އެދިފައިވާ ކަމަށް ޕީޖީން ވިދާޅވިއެވެ. އަދި މައްސަލައިގެ ލިޔުންތަކާ ގުޅިގެން މަޝްވަރާކުރެވުނު ކަމަށް ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައި ކަމަށެވެ.އެއީ ތިން މަހުގެ މެދުކެނޑުމަކަށް ފަހުގައެވެ. އަޑުއެހުމެއް ނުބޭއްވި ލަސްވެފައިވަނީ ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ ބޭނުން ނުކުރެވޭ ގޮތް ވުމުގެ ސަބަބުން ކޯޓުގައި ޖާގައިގެ ދަތިކަން ވަރަށްބޮޑަށް ދިމާވެފައިވާތީކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވާ ކަމަށް ޕީޖީއިން ވިދާޅުވިއެވެ.

އެ އަޑުއެހުމުގައި ސާހިލަށް ދައުލަތުން އައްޔަންކޮށްދެއްވި ދިފާއީ ވަކީލު މައްސަލައިން ތަނާޒުލުވެފައިވާތީ, ވަކީލަކު އައްޔަންކުރުމަށް އިތުރު ވަގުތު ދެއްވި ކަމަށްވެއެވެ.

މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހަށް ތާވަލްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.