އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު އޮތްކަން ދެއްކުމަށް އަދާލަތުގެ ކުލަ ބޭނުންކޮށްގެން ހިންގަނީ ސްކޭމެއް ކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ.

އިއްޔެ މުއިއްޒު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހާ ދެންނެވުމަށް އަދާލަތު ޕާޓީގެ ޓީޝާޓު ލައިގެން 13 ވަރަކަށް މީހުން ވަނީ ނިކުމެފައެވެ. އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ މީހުންގެ ތެރެއިން ނުވަ މީހުންނަކީ އެ ޕާޓީގެ މެމްބަރުން ނޫން ކަމަށެވެ.

އަދި މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވިކަމަށް ބުނެ ބައެއް މީޑިޔާތަކުން ހަބަރު ފަތުރަމުންދަނީ މުއިއްޒަށް ތާއީދު ނެތި އުފެދޭ މާޔޫސްކަމުގައި ޕީއެންސީގެ ފަރާތުން ކުރާ "ޑެސްޕަރޭޓް" ކެމްޕޭނެއްގެ ތެރެއިން ކަމަށް އަދާލަތުން ކުރި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

"އަދާލަތު ޕާޓީގެ ތާއީދު މުއިއްޒަށް އޮތްކަން ދައްކަން އަދާލަތު ޕާޓީގެ ކުލަ ބޭނުންކޮށްގެން ހިންގާ ސްކޭމްއެއް. މި ދަށުދަރަޖައިގެ އަމަލުގައި ޑރ މުއިއްޒާ ބައިވެރިވިކަމަށް ބުނާ 13 މީހުންގެ ތެރެއިން 9 މީހުންނަކީ އަދާަލަތު ޕާޓީގެ މެންބަރުންނެއް ނޫން." އަދާލަތު ޕާޓީން ވިދާޅުވިއެވެ.

އެ ޕާޓީން މިގޮތަށް ވިދާޅުވި ނަމަވެސް، ފުވައްމުލަކުގައި ރޭ ބޭއްވުނު ބޮޑު ޖަލްސާގައި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ހަސަން އަލިދީދީ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ފުވައްމުލަކުގައި ތިބި އަދާލަތު ޕާޓީގެ ގިނަ މެންބަރުން މިހާރު ތާއީދު ކުރައްވަނީ ޑރ.މުއިއްޒަށް ކަމަށް ހަސަން އަލިދީދީ ވަނީ ވިދާޅުވެފައެވެ.

އަދާލަތު ޕާޓީން އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކޮށް އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދައިގެންނެވެ. އަދާލަތު ޕާޓީގެ އިތުރުން ދެން އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދާފައި ވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުއިއްޒު ސެންބެ 2023

    އަދާލަތު ޕާޓީގަ ތިބެނީ ނުހަނު ދީނަށް ލޯބިކުރާ މީހުން. އެމީހުނަށް އިރުގެ އަލިފަދައިން ފެނޭ މިހާރުގެ ޕާޓީގެ ލީޑާޝިޕާއި އިބޫ ސޯލިހުގެ މިސްރާބު ހުރިގޮތް ރަނގަޅު ނޫންކަން. އިބޫއަށްވުރެ އަދާލަތުގެ ކުރީގެ މެމްބަރު މުއިއްޒު ދީނީގޮތުން މާ ރަނގަޅުކަން ސާފު.
    އަދި ދީނުގަ ވަނީ ގޮސް މީހާގެ ބަދަލުގައި އެންމެ ރަނގަޅު މީހާ ވެރިކަމަށް ހޮވަން.

    26
  2. އިއްބެ

    މި ސްކޭމް ހިންގަނީ ކޮންބައެއް؟ ބަލަ އަދާލަތުގެ މީހުންނޭ އެއީ! އެމީހުން އެތިބީ އެމީހުންގެ ކުލާގައި ނުކުމެ! އެއީ މީހަކު ބުނެގެން ރުފިޔާދީގެން މަޖުބޫރުކޮށްގެނެއް ނޫން! އަމިއްލަ ސިކުޑިން ހެޔޮގޮތް ވިސްނައިގެން! އަދާލަތުގެ ޢާއްމު މެންބަރުންކުރެ ނުކިޔަވާ އިބުރާހީމަށް ވޯޓުދޭނީ %10. އަނެއް %80 ވޯޓުދޭނީ މުޢިއްޒަށް! އެއްބުރުން ޑޮކްޓަރ މުޢިއްޒު - އިންޝާއަﷲ

    21
  3. މޕ

    ދެން އެލައިގެން ތިބި މީހުނައް ފިޔަވަޅު އަޅަބަލަ އެރަށުގަ އުޅޭ މީހުނަށް އިނގޭނެ އެއީ ކޮން ޕާޓީއެއްގެ ބައެއް ކަން

    14
    1
  4. މަހުދީ

    އަދާލަތޭ ކިޔައިގެން އިމްރާނު ގެންގުޅޭ ހަތަރު ފަސް ޝޭހުންނަކީ މިއަދު ފައިސާއާއި މުދަލުގެ ދަހިވެތިކަމުގައި ތިމާމެން ބޭނުންގޮތަށް ވާހަކަ ހަދަހަދައިގެން އުޅޭ މުނާފިގުބައެއް. ރައީސް އިބުރާހީމަށް ޝުކުރު އަދާކުރަން ދިވެހިން ޖެހޭ ކަމަށާއި އެއީ ރަސޫލާ ދުއާ ދެއްވިފަދަ ވެރިއެކޭ ބުނާއިރު އޭނާ މި ދިވެހި ޤައުމު އަނިންޑިޔާގެ ސްތޭޓަކަށް ހަދައި މިތަން އަޅުވެތިކޮށްފި. ތިމާމެންނަށް ލިބޭ މަންފާއަކަށް މިކަހަލަ ނޭއްގާނީ އަމަލު ހިންގިޔަސް ދިވެހިންެއް މިއަދު އެކަން ބަލައެއް ނުގަނޭ. މުއިއްޒު ވެސް ޕީޕީއެމް ޕީއެންސީ އެއް ވެސް ނުބުނޭ އެއްވެސް ބައެއްގެ ކައިރީ ވަކިކުލައެއް ލައިގެން ސަޕޯޓްކުރަން އަންނާކަށް. އެބަޔަކު ދިޔައީ އެބަޔަކު ބޭނުންވެގެން. ވީމާ ޑެސްޕަރޭޓޭ ކިޔާ ނުހައްޤުން މީހުން ބޮލުގައި އިމްރާނުމެން އިލްޒާމު ނައަޅުވާ . ޑރ މުއިއްޒަކީ އިމްރާނުމެން ކަހަލަ ފައިސާއަށް އަޅުވެތިވެ ދީން ވިއްކާ ބޯގަޅި ބޭފޫޅެއް ނޫން. އެއީ ވަރަށް އަޚުލާޤު ރަނގަޅު މާތް ބޭފުޅެއް.

    18
  5. ޝައިޚް

    މުނާފިޤު ޢިމްރާނު ، މުނާފިޤު ޒައިދު ، މުނާފިޤު ޢިޔާޒް ، މުނާފިޤު އިލްޔާސްފަދަ ހަތްބޯރާހީންގެ ކިބައިން ދިވެހި އުއްމަތް ސަލާމަތްކޮށްދެއްުންއެދި ގަދަކީރިތިވަންތަ ﷲ ތަޢާލާގެ ޙަޟުރަތުގައި މިއަޅާ ދުޢާ ދަންނަވަމެވެ. ކީރިތިވަންތަ ﷲ ތަބާރަކަ ވަތަޢާލާ އަޅަމެންގެ މި ދުޢާ އިޖާބަކުރައްވާންދޭވެ އާމީން

    14