އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށް، އެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު އިފްތިތާހްކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި، އައިކެއަރ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަބުދުﷲ ޒާހިރު އަދި މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިނެވެ.

މިއީ މަންދޫގެ ކައުންސިލާއި އައިކެއަރ ޕްރައިވެޓް ލިމިޓެޑާއި އެކު ވެވުނު ކޯޕަރޭޓް ސޯޝަލް ރެސްޕޮންޒިބިލިޓީ (ސީއެސްއާރު) އެގްރީމެންޓެއްގެ ދަށުން ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމެކެވެ.

ސްޓެލްކޯއިން ވިދާޅުވީ، މި ނިޒާމުގެ މަސައްކަތް އައިކެއަރ އިން ނިންމާ، މަންދޫ ކައުންސިލާއި ހަވާލުކޮށްފައިވާ ކަަމަށެވެ. އަދި މަންދޫ ކައުންސިލުން މި ހިދުމަތް އެ ރަށުގައި ދިނުމަށްޓަކައި ސްޓެލްކޯއާއި ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާއި ހަވާލުކުރި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ. އަދި މަންދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ، މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިނެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިން ވިދާޅުވީ، ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ނުބަލައި، ފެނާއި ނަރުދަމާގެ ހިދުމަތް ހުރިހާ ރަށަކަށް ދިނުމަށް ނިންމާ އެ މަސައްކަތް ކުރަމުންދަނީ އެއީ ރައްޔިތުންނަށް ބޭނުންވާ ވަރަށްވެސް ބޮޑު އަސާސީ ހިދުމަތަކަށް ވާތީ ކަމަށް ކަމަށެވެ.

މަންދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ ހިދުމަތް އިފްތިތާހް ކުރުން - ފޮޓޯ: ސްޓެލްކޯ

އަދި އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ނިންމާ، އެ ހިދުމަތްދޭން ފެށުނީ، ސްޓެލްކޯގެ އެމްޑީ ޝަރީފްގެ ވަރަށް އިހުލާސްތެރި މަސައްކަތްތަކަކާއި އެކުގައި ކަމަށް ވިދާޅުވިއެވެ.

"މިރަށަށް. ސަރުކާރާއި، އެމްޑީ ޝަރީފް ގެންގުޅުއްވާ ގާތްކަމުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުމަށް ބަލާއިރުގައި، ކަރަންޓާއި ހަވާލުވެ، މި ރަށަށްވެސް މިއޮތީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައި. އެއްކަމަކަށް މުޅި ރަށުގެ ކޭބަލް ނެޓްވޯކް މިވަނީ ބަދަލުކޮށްދެއްވާފައި. އެއާއެއްކޮށް ޕެނަލްބޯޑު ބަދަލުކޮށްދެއްވައިފި. އަދި އެއަށްވުރެ މާ މުހިއްމު ކަމެއް. ވަރަށް ގިނަ ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވައިފި. މިއީ އަޅުގަނޑުމެންގެ މިކުޑަކުޑަ އާއިލާއަށް ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އެ ވަޒީފާ ތަކަކީވެސް،". އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި، ކުދި އާބާދީތަކަށް ތަރައްގީ ގެނެވޭނެ ނިޒާމަކީ ނުވަތަ ސިސްޓަމަކީ މިއީ ކަމަށެވެ. އެގޮތުން ހަމަ އެކަނި ސަރުކާރާއި، ސަރުކާރާއި ގުޅިފައިވާ ފަރާތްތަކަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްގީކުރަންޖެހޭ ވަރަށް ނުކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަންދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ ހިދުމަތް އިފްތިތާހްކޮށް ސްޓެލްކޯއާ ހިންގުމަށް ހަވާލު ކުރުން - ފޮޓޯ: ސްޓެލްކޯ

"އެހެންވެގެން އަޅުގަނޑުމެން އަބަދުވެސް ޕްރައިވެޓް ސެކްޓާރއަށް ދައުވަތު އަރުވަން، އަދި މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އަޅުގަނޑުމެން ދޮރު ހުޅުވާލާފައި ބާއްވަން."

އަދި ސްޓެލްކޯއާއި ހަމަޔަށް މި ޕްރޮޖެކްޓް އައި އިރު ރިކުއަރމަންޓަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި، މިވަގުތު ގާއިމްކޮށްފައިވާ ސިސްޓަމުގައި 10 ޓަނުގެ ދެ އާރޯ ޕްލާންޓާއި، 74 ޓަނުގެ ދެ ސްޓޯރޭޖް އެބަހުރިކަމަށް ވިދާޅުވިއެވެ.

އަދި ރައްޔިތުންނަށް ބޭނުންވާ މިންވަރު ނުވަތަ ރިކުއަރމަންޓަށް ބަލާއިރު ދުވާލަކަށް 35 ޓަނު ބޭނުންވާނެ ކަމަށް ބެލެވޭ ކަމަށާއި، އެހެން ނަމަވެސް މިވަގުތު ގާއިމްކޮށްފައިވާ ނިޒާމުން އުފެއްދެނީ 20 ޓަނު ކަމަށް ވިދާޅުވިއެވެ.

އެހެން އެކަން އޮތް ނަމަވެސް، މި ހިދުމަތް ހުއްޓުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރާއި ކައުންސިލުން މި ހިދުމަތް ދިނުން ސްޓެލްކޯއާއި ހަވާލުކޮށްފައިވާތީ، ރައްޔިތުންނަށް ބޭނުންވާ މި ހިދުމަތް އިތުރަށް ފުޅާކޮށް، ހުއްޓުމެއްނެތި ދިނުމުގެ ޒިންމާ ސްޓެލްކޯއިން ނަގާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތިބޭފުޅުންނަށް މިދޭ ހިދުމަތް ހުއްޓުނަކަ ނުދޭނަން. ޔަގީން ކުރައްވާ. މިއީ އަޅުގަނޑުމެން ސްޓެލްކޯގެ މުވައްޒަފުން މަންދޫގެ ރައްޔިތުންނަށް ވާ ވައުދެއް. އަދި ކޮންމެ ރަށެއްގައިވެސް މިފަދަ ހިދުމަތްތައް ފަށާއިރުގައި ކޮންމެ ރަށަކަށްވެސް އަޅުގަނޑުމެން ހަދިޔާއެއްދެން. އެގޮތުން ކޮންމެ ކަނެކްޝަނަކަށް، ކޮންމެ ކޮންޒިއުމާއަކަށް، އަޅުގަނޑުމެން 1 ޓަނު ފެން ހިލޭ މިއަދުން ފެށިގެން ދޭނަން.". އެމްޑީ ޝަރީފް ވިދާޅުވިއެވެ.