ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ބަދަލު ހިފުމުގެ ރޫހް ނިމުމަކަށް ގެންނަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

"ސަންގު" ޓީވީ އާއި ބައެއް މީޑިއާތައް ގުޅިގެން ބޭއްވި ރިޔާސީ ބަހުސްގައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އޮންނާނީ މާތްވެގެންވާ އިސްލާމް ދީނާ އެއްގޮތަށް ކަންކަން ކުރުން ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ފެންނާނީ އެ އަދުލުވެރިކަން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި މީހެއް ނަމަވެސް، އާންމު މީހެއް ވިޔަސް، ތަފާތެއް ނޯންނާނެ. ކުށެއް ކޮށްފި ނަމަ، ގާނޫނުއަސާސީގައި އޮންނަ ގޮތަށް ކުރިއަށް ދާނީ. ރާއްޖޭގައި ބަދަލު ހިފުމުގެ ރޫހް ނިމުމަކަށް އަންނާނެ." މާލެ ސިޓީގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި ބަހުސްގައި މުއިއްޒު ވިދާޅުވީ މިހާރު ފެންނަ އަނިޔާވެރިކަން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި ކުށެއް ކޮށްފި ނަމަ، އޮންނަ އުސޫލްގެ ތެރެއިން އަމަލު ކުރެވޭނެ ކަމަށް ތަކުރާރުކޮށް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ޝަރުއީ ދާއިރާ މިނިވަންކޮށް، ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ޝަރުއީ ދާއިރާ މިނިވަން ކުރެވޭނެ. ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ގޮތް ނިމުމަކަށް ގެނެވި މިނިވަން އިންސާފުވެރި ޝަރުއީ ދާއިރާ އެއް މި ގައުމުގައި ފެނިގެންދާނެ. އެއީ ކޮންމެ މީހަކު ކުރި ކުށަކަށް ވިޔަސް، އެ ކުށަށް އަދަބު ދެވޭނެ." މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ގިނަ ލީޑަރުންތަކެއް ހައްޔަރުކޮށް ޖަލަށްލުމާ ގުޅިގެން އެ މައްސަލައިގައި ޕްރެޒެންޓަރު ކުރި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އެއްވެސް ބޭފުޅަކު ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް ހައްޔަރުކޮށް ބަންދުކޮށް ޖަލަށްލެވިފައި ނުވާނެ ކަމަށެވެ.

"ޝަރުއީ ދާއިރާގެ ތެރެއިން ގާނޫނީ އުސޫލުން ކަންކަން ކުރެވިފައި ވާނީ،" މުއިއްޒު ވިދާޅުވިއެވެ.

ވ. އާރަށް މައްސަލައިގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ޔާމީން އާ ބެހޭ ގޮތުން މުއިއްޒު ވިދާޅުވީ ޔާމީންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި ވެރިކަމާ ހަވާލުވެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގާނޫނީ ހަމަތަކުގެ މަތިން މިނިވަން ކުރައްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނެނީ އިންސާފުން ބޭރުން ކުރެއްވި ނާއިންސާފު ހުކުމަކުން ކަމަށެވެ. ވެރިކަމާ ހަވާލުވެ ކުރައްވާނެ ކަމަކީ ރައީސް އޮފީސް ތަރޭގައި ޖުޑީޝަރީއަތް އޮތް ނުފޫޒު ނައްތާލުންކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ މީގެ ކުރިންވެސް ކެމްޕޭންގައި ވާހަކަ ދެއްކެވި ކޮންމެ ޖަލްސާއެއްގައިވެސް ރައީސް ޔާމީން ގާނޫނީ ހަމަތަކުގެ މަތިން މިނިވަން ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަބްދުﷲ

    އިބްރާހީމް ޖަލަށް ދާތަން ފެންނަފަދަ....

    12
    3
  2. ދިވެހި މުސްކުޅިން

    މީގެއިތުރުން ޝަރުއީ ދާއިރާ މިނިވަންކޮށް، ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ މާނައަކީ ޔާމީނު ޖެހޭނީ އޭނާގެ ހުކުމް ތަންފީޒްކޮށް ނިމެންދެން ޖަލުގައި އޮންނަން ކަމަށާއި ނޫނީ އޭނާގެ ހުކުމުން ގާނޫނުގައިވާ ގޮތުން ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން ދެން އޮންނަ މަރުހަލާގެ ތެރެއިން ޖަލުން ނުކުތުމަށް މަސައްކަތް ކުރުމުގެ ފުރުޞަތު އޭނާއަށްވެސް އޮންނާނެ ކަމަށެވެ.

    7
    10
  3. އެންޑި

    ތިހެން ނުބުނޭ އިބްރާހިމް މުހައްމަދު ސޯލިހުއަށް ކީރިތި ކުރެވިދާނެ...

    7
    1
  4. ހަންޑިކުޑަ

    ޔާމީން ޖަލަށް ލާފައި މިސޮރު މިހިރަގެން ވެރިކަމަށް ދޮންވަނީ!

    5
    7
  5. ދެކުނު ބެ

    މިގައުމު ތަރައްގީ ވެވޭނީ ޑުރަގު ވަބާއިންސަލާމައްވެ ބިދޭސިން ހުސްކޮށް ދިވެހި ޒުވާނުން މިގައުމުގެ މަސަތްކަތައް ނުކުމެގެން މެނުވީ މިގައުމެއް ތަރައްގީ އާއި ތަހުޒީބެއްނުވެވޭނެ.

    12
  6. ބަރުގޮނު

    " ބަދަލު ހިފުމުގެ ރޫޙެއް ނޯންނާނެ.." ބުނެލީމާ ކަންފަތަށް އެބަ އަޑު އިވޭ. ހިތަށް އަރަނީ ހަމަ އެހެންވާނެބާވަޔޭ.. 2008 ނޮވެމްބަރ 11 ގައި އުފެދުނު ބުޅަލާ މީދަލުގެ ކުޅިގަޑާ ހެދި ޤަވްމަށް މިއުޅެނީ ހަމަ ނޭވާ ނުލެވިގެން. ޑިމޮކްރެސީ ގެނައީ ތިމަންނަ ކަމަށް ވިދާޅުވާ ބޭފުޅާވެސް އެއުޅުއްވަނީ ޑިމޮކްރެސީ ކޮށިއަރައިގެން. ސަބަބަކީ ހަމަ ބަދަލުހިފުމުގެ ޖޯޝާފޯރި.

    6
    1
  7. Anonymous

    މިކަލޭގެ ހައުސިން މިނިސްޓަރަކަށް ހުރިއިރު ހައްގަކާ ނުލައި މީހުނަށް ދިން އަނިޔާތަކުން ވެސް އެކަން އެނގެއެވެ. މުޅިމީހާ ފުރިފައި އެވަނީ އަނިޔާވެރިވުމާއި ބަދަލުހިފުމުގެ ރުޅިވެރިކަމުންނެވެ. އޭރު ހައުސިން މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި ޒިޔާދުއާއި ފާއިޒުއާއި ޑރ. މުހައްމަދުއަލީ ހައްގަކާ ނުލައި ވަޒީފާއިން ވަކިކުރި އަނިޔާވެރިޔަކީ މީނާއެވެ.