ތ. އަތޮޅު ވޭމަންޑޫ އާއި ކިނބިދޫ ގުޅުވާލުމާއެކު، ދެ ރަށުގެ ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށްގެންދަވާނެ ކަމަށާއި މިއީ ނަފާ އަނބުރާ ލިބޭ ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި ފެނިގެންދާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް މިއަދު ހެނދުނު ތ. ވޭމަންޑޫއަށް ވަޑައިގެން އެރަށު ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ވޭމަންޑު އާއި ކިނބިދޫ ގުޅުވާލުމަކީ، ރައްޔިތުން ބޭނުންވާ ކަމެއް ކަމަށާއި، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް 2018ގެ ވައުދެއް ކަމަށެވެ.

"އެމަނިކުފާނު 2018ގައި ވިދާޅުވެފައިވާގޮތަށް ގުޅުމަކީ އަޅުގަނޑުމެންގެވެސް ސިޔާސަތު، އެހެންވީމަ އިރާދަކުރެއްވިއްޔާމުން، އެ ދެރަށް ގުޅާލަދޭނެ ވާހަކަ ދަންނަވަން.".

ޑރ. މުއިއްޒު މޭވަންޑު ރައްޔިތުންނާއި ބައްދަލު ކުރެއްވުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އޭގެ އިތުރުން އެ މަޝްރޫއެކު ދެ ރަށުގައިވެސް ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަަމަށްވެސް ވިދާޅުވިއެވެ.

"އޭގެން އިތުރުވާ ބިމަކީ އިގްތިސޯދީ ގޮތުން މިރަށު ޒުވާނުންނާއި އެކި އުމުރު ފުރައިގެ އެކި ކަހަލަ މަންފާތައް ހޯދަން ލިބޭ ޖާގަ، އިގްތިސޯދީ މަސައްކަތްތައް ކުރިއަށްގެންދަން، ގެދޮރުވެރިކަމަށްޓަކައި ބޭނުންވާ، ގޯއްޗާއި ހައުސިންގ މަޝްރޫއުތައް ހިންގަން ލިބޭ ޖާގަ.".

އެހެންކަމުން ކުރިއަށް ފެނިގެން ދާނީ ވަރަށް އުޖާލާ ދުވަސްތަކެއް ކަަމަށް މުއިއްޒު ވިދާޅުވިއެވެ.

"މި ދެރަށް ގުޅާލުމާއި ބިން ހިއްކުމުގެ މަޝްރޫއަކީ ދެކޮޅު ޖެހޭ ސިޔާސަތެއްގެ ގޮތެއްގެ ގޮތުގައި، އެއީ ހަރަދަކަށްވުރެ ނަފާ އަނބުރާ ލިބޭ ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަނީ."

މުއިއްޒު ވިދާޅުވީ، މިރަށަކީ އެއް ބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ނަތީޖާ ނެރެވޭނެ ރަށެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިރަށުގެ ތަރައްގީއަށްޓަކައި ވަރަށް ގިނަ ކަންކަން ކުރުމަށް ގަސްތު ކުރައްވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، މިރަށަކީ ތަރައްގީއަށް ލޯބި ކުރާ، އަދި އިގްތިސޯދީ ފުރުސަތު އޮތް މުހިންމު ރަށެއް ކަަމަށެވެ.

"އެހެންކަމުން މި ބޭފުޅުންގެ ތަރަައްގީއަށްޓަކައި ކުރަން ހުރި ކަންކަމުގައި، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނީ ރައްޔިތުން އެދޭ ގޮތަށް އެ ކަންކަމަށް އިޖާބަ ދިނުން."،

މުއިއްޒު މިރަށުގައި ކުރިއަށްގެންދަން ފާހަގަކުރެއްވި މަޝްރޫއުތައް

  • މަގުތައް ތާރު އަޅައިގެން ޒަަމާނީ ފެންވަރަށް
  • ރަނގަޅު ފެންވަރެއްގެ ބޮޑު ބަނދަރެއް
  • ހޮސްޕިޓަލް ރަނގަޅަށް ފެންވަރަކަށް ބަދަލު ކުރުން
  • ވޭމަންޑޫ ކިނބިދޫ ގުޅާލުން
  • ވޭމަންޑޫ އާއި ކިނބިދޫ ބިން ހިއްކުން
  • ޒުވާނުންނަށް ހާއްސަ ކުޅިވަރު ކުޅުމުގެ ފުރުސަތުތައް
  • ޒަމާނީ ފެންވަރުގެ ރީތި ބޮޑު މިސްކިތެއް

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނު

    ވޯޓު 4 މުޢިއްޒު! އެއްބުރުން އިންޝާއަﷲ

    10