ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ގައުމަށް ޣައްދާރުވެފައިވާ މުނާފިގެއް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ ލ.ގަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އިމްރާނަކީ ގައުމަށް ޣައްދާރުވެފައިވާ މުނާފިގެއް ކަމަށާއި އޭނާ ވަނީ މުރުތައްދުވެފައި ކަމަށެވެ.

"މުރުތައްދުވެފައި އޭނާ އެހުރީ. މުރުތައްދުވެފައި އެހުރީ، އަލުން ތައުބާވާންޖެހޭނީ،" އަދުރޭ ވިދާޅުވިއެވެ.

މާލޭގައި ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާގައި އިމްރާން ވިދާޅުވެފައިވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަކީ މަގާމުގެ ދަހިވެތިކަމުގައި އުޅުއްވާ ފަރާތެއް ކަމަށެވެ. އަދި މުއިއްޒަކީ ޣައްދާރެއްކަމުގައި އިމްރާން ވަނީ ވިދާޅުވެފައެވެ. މުއިއްޒުގެ ހިތްޕުޅަށް އަރައިވަޑައިގަންނަވާ އެއްޗެހި ވެސް އެނގޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާނަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ މުއިއްޒަކީ އިމްރާން ކަހަލަ ޣައްދާރެއް ނޫން ކަމަށާއި މުއިއްޒަކީ އިހުލާސްތެރި، ވަފާތެރި އަދި ތެދުވެރި ބޭފުޅެއް ކަމަށެވެ.

އަދުރޭ ވިދާޅުވި ގޮތުގައި މިސަރުކާރުން އިސްލާމްދީނަށް ފުރައްސާރަކޮށް އަދި ރަސޫލާ އަށް ހަޖޫޖެހުމުން ވެސް އިމްރާން ހުންނެވީ މި ސަރުކާރާ އެއްކޮޅަށް ކަމަށާއި މަގާމުގެ ދަހިވެތިކަމުގައި އިމްރާން ހުންނެވީ ދީން ވިއްކާލައިގެން ކަމަށެވެ.

"މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށްފަ ރަސޫލާއަށް ހަޖޫޖެހީމަ އެވެރިކަން ދަމަހައްޓަން ފޫގަޅައިގެން ނުކުމެ އެހެރީ" އަދުރޭ ވިދާޅުވިއެވެ.

މުއިއްޒު އާއި ކުޅެން ހަދައިގެން ކަންތައް ވަރަށް ގޯސްވާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި ފަތިފުށް ހާވަން ނޫޅުއްވުމަށާއި އިމްރާންގެ ފަތިފުށް މާ ހުތުރު ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އަދުރޭ ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ޑރ. މުއިއްޒު 60 ޕަސެންޓުން ކާމިޔާބު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިލިބޯ

    އިމްރާން އެހުރީ އިމުންބޭރުފަ ދެން މީނައަށް އޮތްގޮތަކީ މޫދަށްއެރި މަޑުކަށްޓަށްވެ އަލުން ބަލުން ދުނިޔޭގެ އިސްލާމުން އުޅޭހެން އުޅެން ދަސްކުރުން މީނަގެ ރައީސް ވަނީ މަޑުކަށިވެ އިސްލާމްދީނަށް ހަޖޫޖަހާ މީހުން މިރާއްޖެއިން ފޮނުވާލާފަ އަދި އެމީހުންނަށް ފަންޑުކޮށްފަ.

  2. މަލަހިނި

    ހަގީގަތުގަވެސް އެއީ ގައްއްއްއްދާރެއް ޖަލަށްލާންޖެހޭ އެއީ މުނާފިގެއް ދީން ހަތިޔާރަކަށް ހަދައިގެންއުޅޭ ކަށްޒާބެއް.

  3. ފަކުރެއްގެ މެރުން

    ޔާމީނަށް ގައްދާރުވީ ޓިނު އަދުރޭ ނޫން ދެން ކާކުބާ؟