މާލެ ސިޓީ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރ އަހުމަދު ޒަމީރު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ނިންމައިފިއެވެ.

މިއަދުގެ ވަގުތެއްގައި ޒަމީރު މިވަނީ އިދިކޮޅު ކޯލިޝަންގެ ހިމެނޭ ޕީޕީއެމްއަށް ސޮއިކޮށް، ކެމްޕެއިންގައި ބައިވެރިވެފައެވެ.

އަހުމަދު ޒަމީރުއަކީ އެމްޑީޕީގެ މެންބަރެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް ޒަމީރު އަންނަނީ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުުންނެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބޭއްވުުމާއި ގުޅިގެންވެސް ޒަމީރުވަނީ އަޑު އުފުލާފައެވެ. އަދި ފާއިތުވީ ރަމަޟާންމަހުގައިވެސް ރައީސް ޔާމީން ޖަލުގައި ބޭއްވުުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

މިސަރުކާރާއި ކުރީގެ ސަރުކާރާ އަޅުވާ ކިޔަމުން ޒަމީރު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ދައުރުގައި ފަސް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ދިޔަވަހި ހިއްކާ ފްލެޓުތައް އެޅުއްވުމަށްފަހު މާލެއާއި ހުޅުމާލެ ގުޅާލުމަށް ބްރިޖެއް އަޅުއްވާދެއްވާފައި ވާއިރު، އެ ޚިދުމަތްތައް މިހާރުވެސް ރައްޔިތުން ހޯދަމުންދާކަމަށެވެ. އަދި ރައީސް ޔާމިން ކޮށްދެއްވި އެ ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

ޒަމީރު ވިދާޅުވީ ރައްޔިތުންނަށް އެފަދަ އަގުރުހި ޚިދުމަތްތަކެއް ކޮށްދެއްވި ލީޑަރަކަށް މިސަރުކާރުން ކަންތައްކުރައްވަމުން ދަނީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިސްވެ ތައްޔާރުކުރާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަންގައިވެސް މިދިޔަ އަހަރު ޒަމީރު ވަނީ ސޮއިކޮށްފައެވެ. އެމްޑީޕީން ވަނީ އެކަން ކުއްވެރިކޮށްފައެވެ.

މިސަރުކާރުން ކަންތައް ކުރަމުންދާ ގޮތާއިމެދު ހިތްހަމަނުޖެހި އެމްޑީޕީގެ ގިނަ މެންބަރުން ދަނީ އިދިކޮޅު ކޯލިޝަނާއި ގުޅި މުއިއްޒުގެ ފަހަތަށް އަރަމުންނެވެ. މިސަރުކާރުން ވަޒީފާގެ ބިރު ދައްކައި ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޛުހާ

    މިގައުމަށާ އިސްލާމްދީނަށް ހެވެއް އެދޭ މީހެއްވިޔާ މޑޕ އަށް ނޫނެކޭ ބުނާނެ އެއީ 9 ސެބަޓެމްރ ގަ ލާ ވޯޓަކީ މިގައުމުގަ އޮންނަން ފެންނަނީ ސައްތާން ސައްތަ އިސްލީ މުސްތަގިއްލު ގައުމެއްތޯ ނޫނީ ޢަރުދީންތޯ އިސްލާމްދީނަށް އުޅުމަކީ އިހްތިޔާރީ ދިއްތޯ މޑޕ އަށްދެވޭވޯޓަކީ ލާދީނީ އެމީހަކު ބޭނުންވާދީނަށް އުޅުމަށް ފުރުސަތު ދިނުމަށް ލެވޭ ވޯޓެއް