ކުރީގެ ރައީސް މުޙައްމަދު ނަޝިދުގެ ސަރުކާރުގެ ވައްކަންތަކާމެދު އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް، ނަޝިދުގެ އިތުރުން ނަޝީދު ނިސްބަތްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރައްވާ އިދިކޮޅު ސިޔާސީ ލީޑަރުންނާ ސުވާލުކުރައްވައިފިއެވެ.

ނ.ވެލިދޫ ނަރުދަމާގެ ނިޒާމާއި، ފެނުގެ ނިޒާމް އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށް ރޭ ވެލިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޤައުމަށް ގެނެސްދެއްވި ތަރައްޤީއަކީ "ކުރިއަށް ވައްކަންކުރުން" ނޫން ކަމާއި، ވައްކަން ކޮށްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ކަމަށެވެ.

"ރައީސް ޔާމީން ހިންގާފައިވާ މަޝްރޫއުތަކަކީ ކުރިއަށް ވައްކަން ކުރުމެކޭ ނުބުނެވޭނެ، އަޅުގަނޑު ދަންނަވަނާނީ ވައްކަން ކޮށްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައޭ" ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިޤްގެ ފުރަތަމަ ސުވާލު އަމާޒު ކުރެވިގެންދިޔައީ ނަޝީދުގެ ސަރުކާރުގައި ދިވެހިރާއްޖޭގެ ވައިގެ މައި ދޮރާށި، ޖީއެމްއާރަށް ދިނުމުގެ ތެރޭގައި ވެފައިވާ ހިޔާނާތްތަކާ ދިމާލަށެވެ.

"އެމްޑީޕީގެ ވެރިކަމުގައި ވައިގެ ބަނދަރުގެ ކަންތަކުގަ ޖީއެމްއާރާ އެކު ހެއްދެވި ޑީލްގައި އަޅުގަނޑުމެނަށް ފެނިގެން އެބަދޭ 105 މިލިއަން ޔޫއެސް ޑޮލަރު ދިވެހި ދައުލަތަށް ލިބޭކަމަށް. އެހެންނަމަވެސް ސަރުކާރަށް އޭގެ ތެރެއިން ލިބިފައިވަނީ 78 މިލިއަން ޔޫއެސް ޑޮލަރު، އޭގެ ތެރެއިން ބާކީވާ 27 މިލިއަން ޑޮލަރު ވީތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ! މީ ނޫންތޯ އަސްލު ވައްކަން ކުރުމަކީ؟ ކުރިއަށް ވައްކަން ކޮށްފައި މިއޮތީ މިގޮތަށް ނޫންތޯ؟" ޠާރިޤް ވިދާޅުވިއެވެ.

ޠާރިޤްގެ ދެވަނަ ސުވާލުގެ އަމާޒު ހިފާފައިވަނީ ރާއްޖޭގެ ދެކުނުގެ ބޮޑެތި އާބާދީތައް ކަމަށްވާ އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ފެނާއި، ނަރުދަމާގެ ނިޒާމް ޤާއިމު ކުރުމަށް 42 މިލިއަން ޑޮލަރަށް "ބައިވޯޓާ" ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތްތަކާ ދިމާލަށެވެ. ޠާރިޤް ވިދާޅުވީ އެ ޕްރޮޖެކްޓުގެ ދަށުން ދިވެހި ސަރުކާރުން ދައްކަންޖެހެނީ 15 މިލިއަން ޑޮލަރު ކަމަށާއި، އެ ފައިސާ ލޯނެއްގެ ގޮތުގައި ހޯދުމަށްފަހު އެ ކުންފުންޏަށް އޭރުގެ ސަރުކާރުން ދީފައިވާއިރު ކުރަންޖެހޭ މަސައްކަތްތައް ކޮށްފައި ނުވާ ކަމަށެވެ.

"މި ޕްރޮޖެކްޓުގެ އަގަކީ 42 މިލިއަން ޑޮލަރު، މީގެ ތެރެއިން ސަރުކާރުން ދައްކަން މިޖެހެނީ 15 މިލިއަން ޑޮލަރު. އެ 15 މިލިއަން ޑޮލަރުވެސް ސަރުކާރުން އޭރު ނެގީ ލޯނެއް، ވަރަށް ހައި އިންޓްރެސްޓްގަ ލޯނެއް ނަގާ އެ ފައިސާ ބައިވޯޓާ އަށް ދެއްކުމަށްފަހުގައި އެއްވެސް ތަނެއްގައި އެ މަސައްކަތް ކޮށް ނިމިފައެއް ނުވޭ. ފުވައްމުލަކުގެ ނަރުދަމާގެ މަސައްކަތެއް ނުވެސް ފައްޓާ، ޑިޒައިންވެސް ނުކުރޭ. އައްޑޫގައި ފެނާއި ނަރުދަމާގެ ޑިޒައިން ކޮށްފައި ބައެއް ރަށްރަށުގައި އެމަސައްކަތް ކުރީ، އެއަކުން ފެނެއް ނުދެވުނު." ބައިވޯޓާ އާއެކު ހިންގި މުއާމަލާތްތަކާ މެދު ސުވާލު އުފައްދަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ޠާރިޤް އިބްރާހީމް ވިދާޅުވީ، އެ ޚިދުމަތްތައް ފުވައްމުލަކާއި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދިނީ މި ސަރުކާރުން ކަމަށެވެ.

"މި ސަރުކާރުން މިހާރު ރައީސް ޔާމީން އެމަސައްކަތް އެކުރައްވަނީ. މިހާރު ފެނުގެ ޚިދުމަތް ދީފައިވާނީ. ފުވައްމުލަކުގައިވެސް ފެނާއި ނަރުދަމާގެ މަސައަކްތަ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ނިމޭނެ. އައްޑޫގެ އެހެން ރަށްރަށުގައިވެސް ނަރުދަމާގެ މަސައްކަތް މިހާރު ކުރެވެމުންދަނީ، އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ ނިންމާލާނަން." ޠާރިޤް ވިދާޅުވިއެވެ.

"މީ ކޮން ގޮތަކަށް ކުރާ ކަމެއްތޯ އަޅުގަނޑު އަހާލަން ބޭނުންވޭ ޤާސިމް އިބްރާހީމް އަރިހުގައިވެސް، މަޢުމޫން ޢަބްދުލްޤައްޔޫމް އަރިހުގައިވެސް، ޝެއިޚް އިމްރާން އަރިހުގައިވެސް. އެއްކަލަ 42 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓުން 15 މިލިއަން ޑޮލަރު ދީފަ، އެ 15 މިލިއަނާ ވާވަރަށް މަސައްކަތެއްވެސް ނުކުރޭ. އެއްކަލަ ލާރި ކޮންތާކަށްތޯ ދިޔައީ؟" އިދިކޮޅު ލީޑަރުންނަށް އަމާޒު ކުރައްވާ މިނިސްޓަރ ޠާރިޤް ސުވާލު ކުރެއްވިއެވެ.

"އެބޭފުޅުން އެވާހަކަ ދައްކަވާއިރު، އެއްވެސްކަހަލަ ހުއްޖަތެއް ނުވަތަ އެއްވެސް ކަހަލަ ފެކްޓެއްނެތި މިވާހަކަ މި ދައްކަވަނީ، މިއަދު ކޮންމެ މީހަކަށްވެސް ވައްކަން ކުރަނިއްޔޭ ކިޔައިގެން ވާހަކަ ދެއްކިދާނެ، އެހެންނަމަވެސް އެ ރަނގަޅަށް ބަލާލަމާ ހިންގަވާ. ދިވެހި ސަރުކާރަށް ލިބުނު އާމްދަނީއަށް ބައްލަވާލައްވައިފިނަމަ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ލިބުނު އާމްދަނީއާ މިހާރު ކުރެވިފަހުރި މަސައްކަތާ އަޅުގަނޑުމެންނަށް މިއޮތީ ފެންނަން." މި ސަރުކާރަށް ވަގަށް ގޮވާ މައްސަލައިގައި ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ޠާރިޤް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ދައުލަތަށް ވަތް ލާރިޔާއި، ސަރުކާރުން ނިކުތް ލާރިއެއް އެއްގޮތަކަށްވެސް ނޭނގޭ ކަމަށާއި، މިކަންކަން ރައްޔިތުންނަށް ސާފުކޮށްދެވިގެން ނޫނީ ރައްޔިތުންނަށް ރަނގަޅަށް މައުލޫމާތު ފޯރުކޮށް ނުދެވޭނެ ކަމަށެވެ.

އިތިރަށް ޠާރިޤް ވިދާޅުވީ، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގެ މިފަދަ ވައްކަންތަކުގެ މައްސަލަތައް ބަލަންޖެހޭ ކަމަށާއި، އެއީ ކިހިނެތް ކޮށްފައިވާ ވައްކަންތަކެއްތޯވެސް ބަލަންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރުޒާނާ ޗޮއްޕަޓު

    ވައްކަންތައް ރަނގަޅަށް ކިޔައިދޭން ފެންނަނީ. މިމީހުން ކިޔާހާ ޔޯލަ ވާހަކަތަކަށް އެހެން މީހުން ވާހަކަ ނުދައްކާތީ ހީވެގެން އުޅެނީ ތިމާމެންވަރު ބައެއް ނެތޭ. މި ދެން ކޮން ބައެއް. ވަގުން. ޓެރަރިސްޓުން. ބާޣީން. މިހެން ގޮސް ނަން ހުސްކޮށް.

  2. އަހަންމަދޭ

    ވެރިކަމަށް މާކުރިން އެބޭފުޅާ ވަނީ ވައްކަން ކޮށްގެން ހުކުމް ކޮށް، ތަންފީޒު ވެސް ކޮށްފަ ނޫންތޯ؟ ތިބޭފުޅުންވެސް އެ ހަނދާން ނެތީތޯ؟

  3. ދިގުރަށު ސޮރު

    އެމްޓީޑީސީ އިން ޖާބިރުގެ ޔޮޓް ޓުއަރސް އަށް 100 މިލިއަން ނުހައްގުން ދޭން ނިންމި ބޯޑުގަ މިނިސްޓަރ ތޯރިގް ވެސް އިންނަވައި އެކަމަށް ވޯޓް ވެސް ދެއްވި ދެއްތޯ...އެއީ ވައްކަމެއް ނޫންތޯ؟؟؟

  4. އަލީ

    ނަޝީދު ކޮށްފިއްޔާ އެއީ ހަމަ ހަލާލު ވައްކަން. ދެން އިނގެއެއްނު.

  5. ޝާނާ

    ރިޔާސީ ބަހުސް އަށް އިދިކޮޅޭމެން އަރާލަބަލަ ރަނގަޅަށް ކިޔާލަ ދޭނަން