ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭ ވެހެމުންދާތާ މިހާރު ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެސް ވެފައި ވެއެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަަމަށްވެސް ވިދާޅުވެފައި ވެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އަންގާފައި ވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.