ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓާ މިލާނުން އަމިއްލަ ދަނޑުގައި އާރްބީ ސަލްޒްބާގާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށްފިއެވެ.

އިންޓާއަކީ މީގެ ކުރިން ޗެމްޕިއަންސް ލީގް 3 ފަހަރު މަތިން ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އިންޓާއިން ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވަނީ 1964 ، 1965 އަދި 2010ގަ އެވެ. ސަލްޒްބާގަށް ޗެމްޕިއަންސް ލީގް އަދި ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ރޭ އޮތް މެޗްގެ ފުރަތަމަ ހާފްގެ 19 ވަނަ މިނެޓުގައި އިންޓާއިން ވަނީ މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އިންޓާއަށް ކާމިޔާބުކޮށްދީފައިވަނީ ޗިލީގެ އުމުރުން 34 އަހަރުގެ ފޯވާރޑް އެލެކްސިޒް ސަންޗޭޒްއެވެ. މީ ސަންޗޭޒް އިންޓާއަށް ކާމިޔާބުކޮށްދިން 21 ވަނަ ލަނޑެވެ. ސަންޗޭޒް ވަނީ މީގެ ކުރިން އާސެނަލް އަދި ބާސެލޯނާގައިވެސް ރަނގަޅު ކުޅުމެއް ކުޅެ ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފްގައި އިންޓާއިން ވަނީ އަށް ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވާލައިފައެވެ، ނަމަވެސް ފުރަތަމަ ހާފްގައި ސަލްޒްބާގުން އުފެއްދިފައިވަނީ އެންމެ ދެ ހަމަލާއެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއިން އިންޓާ ކުރީގައި އޮވެގެންނެވެ.

އިންޓާއަށް މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އެލެކްސިޒް ސަންޗޭޒް/ ގެޓީ އިމޭޖަސް

ދެވަނަ ހާފްގެ ކުޅުން ފެށި މެޗްގެ 57 ވަނަ މިނެޓުގައި ސަލްޒްބާގުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑާއެކު މެޗްގެ ކުޅުން އިތުރަށް ވަރުގަދަ ވެގެންދިޔައެވެ. ނަމަވެސް ސަލްޒްބާގުން މެޗްގެ 64 ވަނަ މިނެޓިގައި ހެދުނު ގޯހަކުން އިންޓާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީފައިވަނީ ތުރުކީގެ އުމުރުން 29 އަހަރުގެ ހަކަން ކަލްހަނޮގްލޫއެވެ. މީ ކަލްހަނޮގްލޫ އިންޓާއަށް ކުޅުނު 105 މެޗުން ކާމިޔާބުކޮށްދިން 15 ވަނަ ލަނޑެވެ. މި މެޗް ނިމިގެން ދިޔައީ 2-1ގެ ނަތީޖާއިން އިންޓާ މެޗް ކާމިޔާބުކޮށްގެންނެވެ.