ޣައްޒާގެ ރައްޔިތުން ކުރަމުންދާ މަސައްކަތް އިންސާފުވެރި ކަމަށާއި، ތިބީ ފަލަސްތީނާއި އެކުގައި ކަމަށް ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަޕޯސާ ވިދާޅުވެއްޖެއެވެ.

ރަމަޕޯސާ މިހެން ވިދާޅުވެފައިވަނީ އެފްރިކާގެ ގައުމީ ކޮންގްރެސްގެ ބައްދަލުވުމެއްގެ ބޭރުންނެވެ.

”އެމީހުން ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ތިބޭތާ ގާތްގަނޑަކަށް 75 އަހަރު. އަދި އެމީހުންނަކީ އެމީހުންގެ އަމިއްލަ ބިން ހިޞާރުކޮށްގެން ތިބި އަނިޔާވެރި ސަރުކާރަކާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ބައެއް. އަދި އެ ސަރުކާރަކީ މިފަހުގެ ތާރީހުގައި ދަރިކޮޅާއި ނަސްލީ ތަފާތުކުރުން ގެންގުޅޭ ބައެއްކަމުގައި ފާހަގަކުރެވިފައިވާ ބައެއް.” ރަމަޕޯސާ ވިދާޅުވިއެވެ.

ދެކުނު އެފްރިކާގެ ރައްޔިތުންނަކީވެސް އެފަދަ ނަސްލީ ތަފާތުކުރުންތަކާއި ކުރިމަތިލާން ޖެހިފައިވާ ބައެއް ކަން ރަމަޕޯސާ ވަނީ ފާހަގަ ކުރައްވާފައެވެ.

“އެފަދަ އަނިޔާވެރި ނަސްލީ ތަފާތުކުރުންތަކާއި ކުރިމަތިލަމުން އައި ބައެއްގެ ހައިސިއްޔަތުން އަހަރެމެން މިތިބީ ފަލަސްތީނުގެ ރައްޔިތުންނާއި އެކު.” ރަމަޕޯސާ ވިދާޅުވިއެވެ.

އަދި އަބަދުވެސް އެފްރިކާގެ ގައުމީ ކޮންގްރެސް އޮތީ ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައި ކަމަށްވެސް ރަމަޕޯސާ ވަނީ ވިދާޅުވެފައެވެ.

“އެމީހުންގެ މަސައްކަތް އިންސާފުވެރި.” ރަމަޕޯސާ އިތުރަށް ވިދާޅުވެފައި ވެއެވެ.

އަދި ޣައްޒާގެ އުތުރުގެ 1 މިލިއަނަށް ވުރެ ގިނަ މީހުން އެ ސަރަހައްދުން ފޭބުމަށް އިސްރާއީލުން އަންގާފައިވާ އެންގުމަކީ ގަތުލުއާންމެއް ހިންގުން ކަމަށާއި، އެކަން ހުއްޓުވުމަށް ގައުމުތަކަށާއި، އދ އަށާއި، ހުރިހާ ބައިނަލް އަގުވާމީ ޖަމިއްޔާތަކަށް ރަމަޕޯސާ ވަނީ ގޮވާލައްވާފައެވެ.

ރަމަޕޯސާ ވާހަކަފުޅު ދައްކަވަމުން ދިޔަ އިރު ކޮނޑުގައި ފަލަސްތީނު މީހުން އަޅާކަހަލަ ސްކާފެއް އަޅާފައި ވާއިރު، ހުންނެވީ ފަލަސްތީނުގެ ދިދައެއް ހިއްޕަވައިގެންނެވެ.

އިސްރާއީލުން މިދިޔަ ހޮނިހިރު ދުވަހުއްސުރެ މެދުނުކެނޑި ޣައްޒާއަށް ދެމުންގެންދާ ހަމަލާ ތަކުގައި މިހާތަަނަށް 2200 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، 8700 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މާޝާ ﷲ !، ﷲ ސައުތު އެފިކާގެ ރައްޔިތުންނަށް ހިދާޔަތާއި ހެޔު ތައުފީޤް ދެއްވާށި !

    20
  2. 27

    މިއުޅޭ މުސްލިމް ޤަޢުމުތަކޭ މިކިޔާ ޤަޢުމު ތަކުގެ ވެރިންނަށް މިވަރުވެސް ނުވި، ޝުކުރިޔާ ސައުތު އެފްރިކާ !

    21