ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު، ހަސަން އަފީފް ރިޔާސަތުގައި އިންނަވައިގެން މިއަދު ޖަލްސާ ފައްޓާވާފައިވާއިރު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ޕާލިއަމެންޓްރީ ލީޑަރު، އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު، އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ފާހަގަ ކުރައްވާފައެވެ. އެއާއި އެކީ ރިޔާސަތުން ވަނި ނިޒާމީ މައްސަލައަށް ވާހަކަ ދެއްކުމަށް ފުރުސަތު ހުޅުވާލާފައެވެ.

އެމައްސަލައަށް ވާހަކަ ދައްކަވަމުން، އުޝާމް ވިދާޅުވީ، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާން ކުރާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ގަރާރާއި މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގައި ބުނާ ގަރާރަކީ މުޅިން ތަފާތު ދެ ބާވަތުގެ ގަރާރު ކަމަށެވެ.

އުޝާމް ވިދާޅުވީ، 167 ވަނަ މާއްދާއަކީ މަޖިލީހުގެ މެންބަރުން ކަމެއްގައި ދެކޭ ގޮތެއް ގަރާރެއްގެ ސިފައިގައި ފާސްކުރެއްވުން ކަމަށާއި އެކަމަށް ގަވާއިދުގައި އޮންނަ އިޖުރާއަތަކީ ބިލެއް ހުށަހެޅުމުން އޮންނަ އިޖުރާއަތެއް ކަމަށެވެ. އަދި ގަރާރު ވެސް ބިލެކޭ އެއް ފަދައިން، ފުރަތަމަ ކިޔުން އިއްވުމާއި، އިބްތިދާއީ ބަހުސްގެ މަރުހަލާ އާއި ދިރާސާ ކުރުމާއި ކޮމިޓީއަށް ފޮނުވުން އޮންނާނެ ކަމަށް އުޝާމް ފާހަގަ ކުރެއްވިއެވެ.

އެހެން ކަމުން ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އުޝާމް ވިދާޅުވިއެވެ.

"މިހާރު ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އުޝާމް ވިދާޅުވިއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައިވާއިރު، މިއަދު ވެސް ނަޝީދު ވަކި ކުރެވޭ ގޮތް ވަނީނުވެފައެވެ. ނަމަވެސް އަނެއްކާ ވެސް މިއަދު 11:30 އިތުރު ޖަލްސާއެއް ވަނީ ތާވަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާބަ

    ހެހެހެ. އޯކޭ، ކުރިޔަށްގެންދެވޭނެ، އެކަމަކު މަޖިލިސްގެ ގަވާއިދާއި އެއްގޮތަށް، ހުރިހާ ކަމެއްފުރިހަމަވީމަ، މައްސަލަ ކުރިޔައްގެންދެވޭނީ.. އޮތް ހުރަހަކީ މަޖިލިސް ގަވާއިދުގެ ބޭރުން ކުރުން، ނުވަތަ ކުރަން އުޅުން.

    2
    2
  2. ޙެހެހ

    މިފަހަރުވާނެ ފިހި ހޮވާލަން ، ނަޝީދުގެ ނުބާ ރޭވުމުން މިޤައުމު ސަލާމތް ކުރައްވާށި ! ޢާމީން