ރައްޔިތުން މަޖިލީހުގެ ރައީސް ކަމުން، މުހައްމަދު ނަޝީދު ވަކި ކުރުމަށް ހުށަހެޅި މައްސަލަ ނުނިމި އޮތްވާ، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އެޖެންޑާ ކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ނަޝީދު ވަކި ކުރުމަށް މިއަދު 2 ޖަލްސާ ބޭއްވި ނަމަވެސް އެކަން ކުރެވޭ ގޮތެއް ވަނީ ނުވެފައެވެ. ވިލުފުށި ދާއިރާގެ މެމްބަރު ރިޔާސަތުގައި ހުންނަވައިގެން ފެށި ފުރަތަމަ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި، އެ މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫން ކަމަށް ބުނެފައެވެ. އެއާއި އެކީ އަފީފް ވަނީ އެމައްސަލައަކީ މަޖިލީހުގެ ގަވައިދާއި ހިލާފަށް ވައްދާފައިވާ މައްސަލައެއް ކަމަށް ބުނެ މައްސަލަ ބޭރުކޮށް، ޖަލްސާ ނިންމަވާލައްވާފައެވެ.

އޭގެ ފަހުން 11:30 ގައި ބޭއްވި ޖަލްސާއަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވި މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވަޑައިގެން ވިދާޅުވީ، އެ މައްސަލައަކީ ކުރިން ބޭއްވި ޖަލްސާގެ ރިޔާސަތުން ބޭރުކޮށްފައިވާ މައްސަލައެއް ކަމުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މިމައްސަލައިގައި އޭޖީ އޮފީހުގެ ލަފައެއް ހޯދަން އެމްޑީޕީން ނިންމާފައިވާއިރު، މަޖިލީހުގެ އަމީން އާންމު، ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވަނ ީމާލީ އަހަރު ފެށުމުގެ ދެ ދެ މަސް ކުރިން ފެށޭ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

ދައުލަތުގެ ބަޖެޓް ހުށަހަޅައި ފާސްކުރުމަކީ ޤާނޫނު އަސާސީއާއި ޤާނޫނުން ލާޒިމު ކުރާ ކަމަކަށްވުމާއި އަދި ވަކި ތާރީހެއްގެ ކުރިން ބަޖެޓް ހުށަހަޅަން އޮންނައިރު، މިނިސްޓަރަށް ވަޑައިނުގަތުމުގެ ސަބަބުން ޤާނޫނާ އެއްގޮތަށް އެކަން ކުރުން ލަސްވެފައިވާކަން ނަޝީދުގެ ސިޓީގައި ފާހަގަ ކުރެއްވިއެވެ.

އެހެން ޤާނޫނުން ލާޒިމު ކޮށްފައިވާ ތާރީހަށް ބަޖެޓް ހުށަހެޅުން ލަސްކުރައްވާފައިވުމާއި، ސުޕްރީމް ކޯޓުގެ ހުކުމުގައި ވާފަދައިން އެކަން އިތުރަށް ލަސްކުރެވެން ނޯންނާނެތީ އެންމެ އަވަހަށް ބާއްވާ ޖަލްސާގެ ފުރަތަމަ ކަމެއްގެ ގޮތުގައި އެކަން އެޖެންޑާ ކޮށްދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު