ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ހައްޖު ޖާގައަށް އެދި ހުށަހެޅުމަށް ހައްޖު ކޯޕަރޭޝަނުންް ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ކުންފުންޏަށް މި އަހަރު ހައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5 މިކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާ، ހައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ، ފަރުޟު ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށެެވެ.

އެހެންކަމުން މިއަދުގެ ނިޔަލަށް މިކުންފުނީގެ ހައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކުން އެ ހާއްސަ ކުރެވޭ ޖާގައަށް އެދި ހުށަހެޅުމަށް ވަނީ އެދިފައެވެ.

މިޖާގަ ހޯދުމަށް ބޭނުންވާ ފަރާތްތަކުން ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv މެދުވެރިކޮށް ފޯމު ފުރުމަށްފަހު އެފޯމާއެކު ހުށައަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ އަކާއި ހައްޖު ކޯޕަރޭޝަންގެ އިޢުލާނާއި އެކު ޝާއިއު ކޮށްފައިވާ "ހެލްތް ސަރޓިފިކޭޝަން ފޯމް" ހުށަހެޅުމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

އަދި ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 24 ވަނަ ދުވަހުގެ 14:00 ކަމަށް ބުނެފައެެވެ.

ސައުދީ އަރަބިއްޔާ އިން ކޮންމެ އަހަރަކު ވެސް އެކި ގައުމުތަކުން ހައްޖަށް ދެވޭނެ ކޯޓާތަކެއް ކަނޑައަޅާ އިރު، މި އަހަރު ރާއްޖެ އަށް ދީފައި ވަނީ 1،000 ހައްޖު ކޯޓާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަންޑިކުޑަ

    ސަލި ނިންމުމެއް މިއީ. މިހެންވެގެންނޭ މަމެން ބުނަނީ ހަމަ ޙައްޖު ކޯޕަރޭޝަން ވަރެއްނެތޭ. ހުރިހާ ކުދިންވެސް ޙައްޖާއި ، އުމްރާ އަށް ދަންޏާމު ޙައްޖު ކޯޕަރޭޝަން އިޙްތިޔާރު ކުރާށޭ!