ފަސް މިލިއަން ރުފިޔާ އިން މަތީގެ ބީލަންތައް ޕޯޓަލުން ހުށަހެޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާއެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދައުލަތުން ކުރިއަށްގެންދާ ފަސް މިލިއަން ރުފިޔާއިން މަތީގެ ހުރިހާ ބީލަންތަކެއް ދެން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ސާކިއުލާގައި ބުނާގޮތުން ދައުލަތުގެ އާންމު ބަޖެޓުން ދެން އިއުލާން ކުރާ ފަސް މިލިއަން ރުފިޔާ އަށްވުރެ މަތީގެ ހުރިހާ ޕްރޮކިއުމަންޓްތަކުގެ ބިޑް ހުށަހެޅުން ބީލަން ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އެ ޕޯޓަލް މެދުވެރިކޮށް ބޭރުގެ ފަރާތްތަކަށް ވެސް ބީލަން ހުށަހެޅޭނެއެވެ.

އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބީލަންވެރިން ހުށަހަޅާ ބީލަންތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސުމުގެ ގޮތުން 2021 ވަނަ އަހަރު ތައާރަފްކުރެވުނު ބީލަން ޕޯޓަލް އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ.

ސަރުކާރުގެ މަސައްކަތްތަކަށް ބީލަންތައް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ފިނޭންސް މިނިސްޓްރީން ޕޯޓަލެއް ތައާރަފްކުރީ ޑިސެމްބަރު 6، 2021 ގައެވެ. ބީލަން ޕޯޓަލް ފަރުމާކޮށްފައި ވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާ ހަމައަށް ހިފެހެއްޓޭނެ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޒީރު

    ފަސާދަ ކުޑަވެގެންދާނެ ކަމެއް

  2. އިބްރާހީމް

    މިސަރުކާރުން މިކުރީ ރަގަޅުކަމެއްނޫން. ބިޑްކުރާ ފަރާތްތަކުގެ ހާޟިރުގައި ބީލަން ހުށަހެޅުމުން ހާމަކަން ބޮޑުުކޮށް ކަން ހިގާނީ. މިހާރުވެސް ބޭނުންވާ މީހުންނަށް މަސައްކަތް ދޭންކުރާކަންކަންވެސް ހުއްޓާލާ.