އަންނަ އަހަރުން ފެށިގެން އުޅަނދު ބަނުމުގެ ހުއްދަ ހަމައެކަނި ސްޓްފިކެޓް އޮންނަ ވަޑިންނަށް ދޭން ނިންމައިފިއެވެ.

މާވަޑިންނާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން އުޅަނދު ބަނުމުގެ ހުއްދަ ދެވޭނީ ސަރުކާރުން ގަބޫލުކުރާ މާވަޑިކަމުގެ ސެޓްފިކެޓް އޮންނަ ފަރާތްތަކަށް އެކަނި ކަމަށެވެ.

މިނިސްޓްރީން ބުނާގޮތުން މިހާރު މާވަޑިންގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ދަފުތަރުގައި ތަމްރީނެއް ފުރިހަމަނުކޮށް ތިބި މާވަޑިން އަންނަ އަހަރުގެ ނޮވެމްބަރުމަހުގެ 12 ވަނަ ދުވަހުގެ ކުރިން މާވަޑިކަމުގެ ކޯސް ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ކުރިއަށް އޮތްތަނުގައި 18 މީޓަރުން ފެށިގެން ދިގު އުޅަނދު ފަހަރު ބަންނަން ފަށަން ވާނީ، މިނިސްޓްރީން ހުއްދަ ދީފައިވާ ނޭވަލް އާކިޓެކްޓަކު ލައްވައި އުޅަނދު ފަރުމާކުރުމަށްފަހު ކުރެހުންތަކާއި އިތުރު ތަފްސީލްތައް ހުށަހަޅައި މިނިސްޓްރީން ހުއްދަ ދިނުމަށްފަހުގައި ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުދަތުރުކުރާ އުޅަނދުފަހަރު ބަނުމުގެ ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ޓްރާންސްޕޯޓުން މިހާރު ވަނީ މާވަޑިން ތަމްރީނު ކުރުމުގެ ކީހުގެ ސިލަބަހާއި ބޯޓު ބިލްޑިން އަދި ރިޕެއާ އިންސްޕެކްޓަރސް ކޯހުގެ ސިލަބަސް އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

މި ކޯސްތައް ހިންގުމަށް ބޭނުންވާ އިސްޓިޓިއުޝަންތަކުން ކޯހުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު ހުއްދަ ހޯދުމަށް މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އޮޑި ދޯނި ފަހަރު ބަނުމުގައި އުސޫލްތަކެއް އެކުލަވާލައި އެކަންކަމަށް އަމަލުކުރަން ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިފަހަކަށް އައިސް މަސްދޯނިފަހަރު މެދުން ބިންދައިގެން ދިއުމުގެ ހާދިސާތަކެއް ހިނގާފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާވަޑި

    ކުރިންވެސް އޮންނަނީ ތިހެން އެކަމަކު ބެއްޔާވެސް ބަންނަނީ
    އާންމުތަންތާގަ ސިނގިރޭޓް ބުއިންވެސް މަނާ އެކަމަކު ބޯޑު ދަށުގަވެސް ބޮނީ

  2. 😡😡😡

    ތަޖުރިބާހުރި ދުވަސްވީ މަސައްކަތްތެރިންގެ މަސައްކަތް ހުއްޓުވަން ކުރާ ނުބައިކަމެއް

    4
    1